Saturday, October 31
ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް!

ކޯޓުގައި ރަޖިސްޓްރީ ނުކޮށް ދިވެހި އަންހެނަކު ތިން ފިރިހެނުންނާ ކައިވެނި ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ވާހަކަދައްކަވަމުން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރ، އަޙްމަދު މައުސޫމް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކައިވެނި ކުރުމާއި، ކައިވެނި ރަޖިސްޓްރީ ނުކުރުމުގެ މައްސަލަތައް ގިނަވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އިތުރު އެތައް މައްސަލައެއް ކުރިމަތިވަމުންދާ ކަމަށެވެ.

މައުސޫމް ވިދާޅުވީ އެއް އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް އެ ކޯޓުގައި އެބައޮތް ކަމަށެވެ. އެގޮތުން އޭނާ ރާއްޖެއިން ބޭރުގައި ކައިވެނި ކުރުމަށްފަހު، އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ނުކުރެވުމުން، އެއީ ނެތް ކައިވެންޏެއް ގޮތަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެއަށްފަހު އަމިއްލައަށް އަނެއްކާވެސް ރާއްޖެއިން ބޭރުގައި އިތުރު ކައިވެންޏެއް ކޮށް، އެ ކައިވެޏްނާ މެދުވެސް ވަކި ގޮތެއް ކަނޑަނޭޅެނީސް ތިންވަނަ ކައިވެންޏެއް ކޮށްފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ނަސަބުވެސް އޮޅިގެން ހިނގައިދާނެ ކަމަށެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކައިވެންޏެއް ކުރުމުގެ ކުރިން ފެމިލީ ކޯޓުން ހުއްދަ ނަގަންޖެހޭ ކަމަށާއި، ނަމަވެސް ގިނަ ފަރާތްތަކުން އެކަން އެގޮތަށް ނުކުރާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ދެން އަތްޖަހާ - 2025-02-19T16:36:22

    ކުޅަދާނަ އަންހެނެއްތީ