ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބަޖެޓް ފާސްކޮށް ހުށަހަޅާފައިވަނީ 23 ކައުންސިލަކުން ކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 93 ވަނަ މައްދާގައިވާ ގޮތުގެ މަތިން، ކައުންސިލަށް ލިބޭ އާމްދަނީ އާއި އެކި ގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލުގެ ބަޖެޓު އެ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަން ޖެހޭ ކަމަށެވެ.
އަދި 2025 ވަނަ އަހަރުގެ ބަޖެޓު ޖަނަވަރީ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރުމަށްފަހު، އެ އޮތޯރިޓީ އަށް ހުށަހަޅާފައިވާ ކައުންސިލްތަކުގެ މަޢުލޫމާތު އާންމުކޮށްފައެވެ. އެގޮތުން މުއްދަތުގެ ތެރޭގައި ފަސް ސިޓީ ކައުންސިލުންވެސް ވަނީ ބަޖެޓް ހުށަހަޅައިފައެވެ. އެއީ މާލޭ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދޫ ސިޓީ ކައުންސިލެވެ. މީގެ އިތުރުން 17 އަތޮޅު ކައުންސިލަކުން ވެސް ވަނީ އަހަރީ ރިޕޯޓު ފާސްކުރުމަށްފަހު ހުށަހަޅައިފައެވެ.
މުއްދަތުގެ ތެރޭގައި ބަޖެޓް ފާސްކޮށް ހުށަހެޅި އަތޮޅު ކައުންސިލްތަކުގެ ތެރޭގައި ހިމެނެނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި، ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި، މިލަދުންްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާއި، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާއި، ފާދިއްޕޮޅު އަތޮޅު ކައުންސިލާއި، މާލެއަތޮޅު އަތޮޅު ކައުންސިލާއި، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި، ފެލިދެއަތޮޅު އަތޮޅު ކައުންސިލާއި، މުލަކުއަތޮޅު އަތޮޅު ކައުންސިލާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި، ކޮޅުމަޑުލު އަތޮޅު ކައުންސިލާއި، ހައްދުންމަތީ އަތޮޅު ކައުންސިލާއި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އަދި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލެވެ.
އެލްޖީއޭ އިން ވަނީ މި ކައުންސިލުންތަކުން، ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް މަރުޙަބާ ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން