ރަމަޟާން މަސް ފެށޭއިރު ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް އިނާޔަތް ލިބިފައި ނުވާނަމަ، އެކަމުގެ ޝަކުވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އަށް ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެލްއާރްއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން 3،000ރ. ދޭންވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ އިނާޔަތް ދިން ކަމުގައިވިޔަސް، ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން، ވަޒީފާ އަދާ ކުރަމުންދާ ދިވެހި މުވައްޒަފުންނަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރަމަޟާން މަހުގެ އިނާޔަތް ލިބިފައި ނުވާތީ، ފާއިތުވި އަހަރު ގިނަ މައްސަލަތަކެއް އެ އޮތޯރިޓީ އަށް ހުށަހަޅާފައިވާ ކަމަށް އެލްއާރްއޭ އިން ބުންޏެވެ.
އަދި ރަމަަޟާން މަހުގެ އިނާޔަތް ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންވާނެ ކަމަށާއި، ވަޒީފާގައި ތިބި ވަގުތީ މުވައްޒަފުން، ވަގުތީ މުއްދަތު (ޕްރޮބޭޝަން) ގައި ތިބޭ މުވައްޒަފުން އަދި ޤާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް އިނާޔަތް ޙައްޤުވާނެ ކަމަށް އިޢުލާނުގައި ވެއެވެ.
އެހެންކަމުން އެ އޮތޯރިޓީން ވަނީ ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ އެންމެހައި ފަރާތްތަކުންވެސް، ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ހަނދުމަކޮށްދީފައެވެ.
އަދި ރަމަޟާން މަސް ފެށޭއިރު ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް އިނާޔަތް ލިބިފައި ނުވާނަމަ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން