ދިވެހިރާއްޖެއިން ކެނެޑާއަށާއި، މިޞްރަށާއި، ކުވޭތާއި، ބޫޓާން އަދި ސްވިޓްޒަލަންޑަށް ކަނޑައަޅުއްވާ ސަފީރުންގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންތަކަށް ރުހުން ދީފިއެވެ.
މިގޮތުން ދިވެހިރާއްޖެއިން ކެނެޑާއާސް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް ރައީސް ހުށަހެޅުއްވީ ރާއްޖެއިން އެމެރިކާއަށް މިހާރު ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، ޢަބްދުލްޣަފޫރު މުޙައްމަދުގެ ނަންފުޅެވެ. އޭނާ އަކީ ޚާރިޖީ ވުޒާރާގެ ސެކްރެޓަރީގެ މަޤާމާއި އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޢަބްދުލްޣަފޫރަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓުދެއްވީ 71 މެންބަރުންނެވެ.
މީގެ އިތުރުން، ރައީސް ވަނީ ރާއްޖެއިން މިޞްރަށާއި ކުވޭތަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް، ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރުގެ ނަންފުޅު ހުށަހަޅުއްވައިފައެވެ. އޭނާ އަކީ ފޮރިން ސެކްރެޓަރީގެ މަޤާމާއި، ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގެ އިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މިޞްރުގެ ނޮން-ރެސިޑެންޓް ސަފީރަކަށް ސަރީރު ޢައްޔަންކުރަން 71 މެންބަރުން ވޯޓު ދެއްވިއިރު، ކުވޭތުގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ސަރީރު ޢައްޔަންކުރަން ވޯޓުދެއްވީ 73 މެންބަރުންނެވެ.
ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑަންޓް ސަފީރުގެ މަޤާމަށް ހުށަހަޅުއްވާފައިވަނީ މިހާރު ބަންގްލަދޭޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދުގެ ނަންފުޅެވެ. ޝިއުނީން އެ މަޤާމަށް ޢައްޔަންކުރަން ވޯޓުދެއްވާފައިވަނީ 72 މެންބަރުންނެވެ.
އަދި، ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑަންޓް ސަފީރުގެ މަޤާމަށް ރައީސް ހުށަހެޅުއްވީ މިހާރު ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ސަލްމާ ރަޝީދުގެ ނަންފުޅެވެ. އެ މަޤަމަށް ޑރ. ސަލްމާ ޢައްޔަންކުރަން ވޯޓު ދެއްވީ 74 މެންބަރުންނެވެ.
މި ލިޔުން ކިޔާލުމުން