Saturday, October 31
ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރެހެންދި އެވޯޑު 2025 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރުގައި ވަޒަން ކުރުމުގެ މަޤްޞަދުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

އެ ވުޒާރާއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މި އަހަރުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 04 މޭ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި، އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތަފުސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އަދި މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު އެ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށާއި، އެ ވުޒާރާއިންނާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރތަކުންވެސް ލިބެން ހުންނާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ވުޒާރާގެ އީމެއިލް އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް، ވުޒާރާގެ ކައުންޓަރުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު