ބ. މާރިކިލުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ޖަވާހިރުވާދީ، މާލެ، އަލްޙާން ރަޝީދު ޙުސައިން (49އ) އާއި ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާޢު (25އ) އާއި ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) އާއި ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ) އާއި ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ) އާއި އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ) އާއި ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ) އާއި މުޙައްމަދު މައްސޫދު، ބަނގުލަދޭޝް (46އ) އަދި ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރަލާއި، ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރ. އިނގުރައިދޫ / ވަފާ، ޢަބްދުލް މުޙްސިން ޙަސަން (65އ) ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ދެންތިބި އަށް މީހުން ވެސް 15 ދުވަހަށް ބަނދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން ކަމަށާއި، މި އޮޕަރޭޝަނުގައި މާރިކިލު ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުން ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން