އައްޑޫ ސިޓީ އަށް 1.8 މެގަވޯޓުގެ އާ ޖެނެރާޓަރު ސެޓެއް ހޯދައި، އެ ސިޓީއަށް ފޮނުވުމަށް ލޭންޑިންގ ކްރާފްޓަށް ލޯޑްކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖެނެރޭޓަރު މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެ، އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
މިގޮތުން ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، 1.8 މެގަވޯޓުގެ އާ ޖެނެރޭޓަރު ސެޓެއް ހޯދައި، އައްޑޫއަށް ފޮނުވުމަށް މިހާރު ވަނީ ލޭންޑިންގ ކްރާފްޓަށް ލޯޑުކުރެވިފައި ކަމަށާއި، ހަލާކުވި ޖެނެރޭޓަރުތަކުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާއިރު، ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންގެނެ ކަމަށް ފެނަކައިން ބުންޏެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއަރ ގެނެސްގެން ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭ ހިންގަން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފެނަކައިން ބުނީ ރަމަޟާން މަހަކީ ޚާއްޞަ ގޮތެއްގައި ކޮންމެ އަހަރަކުވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށްވާތީ އާއި، އައްޑޫގައި ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ކުރިއަށްދާއިރު، ދުވަހުން ދުވަހަށް ކަރަންޓުގެ ޑިމާންޑް މަތިވަމުންދާތީ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާކަމަށްވެފައި، ހެޔޮ ނިޔަތުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމީ މިއަދު ފެންނަން އޮތް ޙަޤީޤަތް"
ފެނަކައިން ވަނީ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގައިން އެ ކުންފުނިން ކުރަމުންގެންދާނެކަމުގެ ޔަޤީންކަން އައްޑޫގެ ރައްޔިތުންނަށް އަރުވައިފައެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދާއި ލަފާފުޅާއެކު އައްޑޫ ސިޓީގެ ކަރަންޓަށް ދާއިމީ ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ފަށައި، ދޮޅު އަހަރު ތެރޭ ޢަމަލީ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފައި ކުރިއަށްގެންދާ ކަމަށެވެ.
އެ ބަޔާން ނިންމާލަމުން ފެނަކައިން ވަނީ އައްޑޫގެ ކެތްތެރިކަން އިސްކުރައްވައި މި ދަނޑިވަޅުގައިވެސް އެ ކުންފުންޏަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.
މި ލިޔުން ކިޔާލުމުން