Saturday, November 14
ޓެކްސީތަކުން މާލެ ތެރޭގެ ދަތުރުތައް ނުކުރާ މައްސަަލަ ބޮޑު !

ސަރުކާރުން އުފައްދާ ޓެކްސީ ލައިނާ ދެކޮޅަށް ކުރާ މަސައްކަތުގައި އާންމު ރައްޔިތުންގެ އެހީއާއި އެއްބާރުލުމަށް ޑްރައިވަރުންގެ އެސޯސިއޭޝަނުން އެދިފައިވާތަން އިއްޔެ ފެނުނެވެ. ޓެކްސީ ޑްރައިވަރުންގެ ފަރާތުން މިގޮތަށް އެދިފައިވާއިރު، މާލޭގައި ހިދުމަތްދޭ ޓެކްސީތަކުން އާންމު ރައްޔިތުންނަށް މިހާތަނަށް ދެމުން އައީ އެކަށީގެންވާ ހިދުމަތެއްތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ސަރުކާރުން މަސައްކަތް ފަށާފައިވާ ޓެކްސީ ލައިން އުފެއްދުމުން، އާންމު ރައްޔިތުންނަށް ލިބިގެންދާނީ ކޮން ހައްލުތަކެއްތޯ އާމެދު މިވަނީ ބަހުސްފެށިފައެވެ.

ތެދެކެވެ. ސަރުކާރު ކުންފުންޏަކުން ސަބްސިޑައިޒް ކޮށްގެން މިފަދަ ހިދުމަތެއް ފެށުމުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރާނެއެވެ.

ނަމަވެސް، އެފަދަ އަސަރުތަކެއް ކުރިނަމަވެސް މައްސަލަތައް ގިނަ މި ދާއިރާގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޓެކްސީގެ ހިދުމަތް ލިބުމުގައި ހުރި ދަތިތަކަކީ މިހާތަނަށް ހައްލެއް ލިބުމުގެ ކޮޅުމަތި ފެނިފައިނުވާ ބޮޑު މައްސަލައެކެވެ.ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލޭގައި  އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް އުމުރުން  ދުވަސްވީ މީހުންނާއި، ބަލިމީހުން ، އަދި ތުއްތު ކުދިން ގޮވައިގެން ތަންތަނަށް ދާންޖެހޭ މީހުން ޓެކްސީ ދަތުރު ނުލިބިގެން  އުޅެންޖެހޭ ދަތި ހާލަކީ އެންމެން ދަންނަ ހަގީގަތެކެވެ.

ޓެކްސީ ދަތުރުތައް ނުލިބެނީ ހިދުމަތަށް ނުކުމެފައި ތިބި ޓެކްސީތަކުގެ އަދަދު މަދުވެގެނެއް ނޫނެވެ. ނުވަތަ ޑިމާންޑް ބޮޑުވެގެން ހިދުމަތް ދިނުމަށް ދަތިވެގެނެއްވެސް ނޫނެވެ.މާލެ-ހުޅުމާލެ ބްރިޖަކުން ގުޅުވާލިފަހުން ޓެކްސީ ޑްރައިވަރުންގެ ރަންޒަމާން އޮތީ ފެށިފައެވެ. އެފަހުން ގިނަ ޓެކްސީ ޑްރައިވަރުން  ނަގަނީ އެއާޕޯޓާއި ހުޅުމާލޭގެ ދަތުރުތައް އެކަންޏެވެ.

ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ޓެކްސީގެ ހިދުމަތަކީ ޕްރައިވެޓް ސެކްޓާއިން އާންމު ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ތެރެއިން އެންމެ ފަސޭހަ އަދި ފެންވަރު ރަނގަޅު އެއް ހިދުމަތެވެ. މި ހިދުމަތް ދިވެހިރާއްޖެއާ އަޅާބަލާއިރު ވަރަށް ބޮޑެތި ތަފާތުތަކެއް އެހެން ގައުމުތަކުގައި ހުރެއެވެ.

ބޭރު ގައުމުތަކުގައި ޓެކްސީގެ ހިދުމަތް ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ގިނަ ގައުމުތަކުގައި މޮބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ޓެކްސީ ހޯދުމުގެ ފުރުސަތު ފަސޭހަކޮށް އޮންނައިރު ، މަގުމަތިން ވެސް ފަސޭހައިން ޓެކްސީ ހޯދުމުގެ ފުރުސަތު އޮވެއެވެ. މީގެއިތުރުން ޓެކްސީ ސްޓޭންޑްތަކުން ވެސް ހިދުމަތް ލިބެން ހުރެއެވެ.

އަދި ގިނަ ގައުމުތަކުގެ ޓެކްސީ ޑްރައިވަރުން ވަރަށް ޕްރޮފެޝަނަލްކޮށް ހިދުމަތްދޭއިރު ، މުދާ އަރުވައި ބޭލުމުގައި ކަސްޓަމަރުންނަށް އެހީތެރިވެދެއެވެ. އަދި ދަތުރުވެރިޔާއަށް އިހްތިރާމާއެކު މުއާމަލާތްކޮށް،  ދަތުރުވެރިޔާ ބޭނުންވާ މަންޒިލަށް ސީދާ ވާސިލުކޮށްދެއެވެ.

ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމުގައި ގިނަ ޑްރައިވަރުންގެ ފަރާތުން ފެނިގެންދަނީ އެހެން މަންޒަރެކެވެ. ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ބޭނުންތަކާއި އިހުސާސްތަކަށް އެއްވެސް ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ހިދުމަތުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ ނުރުހުން ދަނީ ދުވަހުން ދުވަހަށް  އިތުރުވަމުންނެވެ.

ހަފްތާއަކު އެއްފަހަރު އައިޖީއެމްއެޗް އިން ޑައިލިސިސް ހަދަންޖެހޭ އުމުރުން ދުވަސްވީ މީހެއްގެ އާއިލާ މެމްބަރަކު މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ " ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ދާން ޓެކްސީ ނުލިބިގެން ބައެއް ދުވަހު ދެ ގަޑި އިރު މަޑުކުރަންޖެހޭ.ހުސްކޮށްދާ ޓެކްސީތައްވެސް އަތްނަގައިގެން މަޑުކޮށްފަ މާލެ ތެރޭ ދަތުރެއްކަން ބުނުމުން ބޯހޫރާލާފަ ދަނީ."  ޓެކްސީ ހޯދުމުގެ ދަތިކަން ބުނެދެމުން އެފަރާތުން އިތުރަށް  ބުނީ، މިހާރު ދަތުރު ހޯދަން އެޕްލިކޭޝަނުން ޖަހަނީ ސީދާ ހުޅުމާލެ ދަތުރެއްގެ ގޮތުގައި ކަމަށެވެ. އެހެން ޖެހުމުން ދަތުރު ވަގުތުން ލިބޭއިރު ހުޅުމާލެ ދަތުރެއްގެ އަގު ދައްކާފައި ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ.

އެހެން ފަރާތަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުން ކުޑަކުއްޖަކު ވެކްސިން ޖަހަން ދާން ޓެކްސީ ނުލިބިގެން ނަގަންޖެހުނީ  150 ރުފިޔާ ދީފައި ބޮޑު ސެވަން ސީޓާ ވޭނެކެވެ.

މާލެ ތެރޭގެ ދަތުރުތަކަށް ޓެކްސީ ޑްރައިވަރުން އިސްކަން ނުދެނީ ދަތުރުގެ އަގު ކުޑަވެފައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމުންނެވެ. އޭގެ ބަދަލުގައި ހައިވޭގައި ކުރާ ދަތުރުތަކުން ލިބޭ އަގު ރަނގަޅުވުމުން ގިނަ ޑްރައިވަރުންގެ ވިސްނުމަކީ އެއާޕޯޓު ދަތުރުތަކާއި ހުޅުމާލެ ދަތުރުތައް ކުރުމެވެ. ޓެކްސީ ޑްރައިވަރުންގެ ހިދުމަތް ހޯދުމަށްތިބި އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށް ޑްރައިވާސް އެސޯސިއޭޝަނުންވެސް މިހައިތަނަށް އެއްވެސް މަސައްކަތެއް ކުރިކަން އެގޭކަށް ނެތެވެ.

މީގެއިތުރުން ޓެކްސީ ޑްރައިވަރުން އެއް ދަތުރެއްގައި ދަމުން  އިތުރު ދަތުރުތައް ނަގައިގެން،  އެއްފަހަރާ ދެ ދަތުރު ހެދުމަކީވެސް އާންމު ކަމެކެވެ. އަދި މިބާވަތުގެ ކަންކަމުގައި ޝަކުވާކޮށްފިނަމަ ބައެއްފަހަރު  ދަތުރުވެރިޔާ ކާރުން ބާލާފައި ދިޔުން ފަދަ ނޭދެވޭ އަމަލުތައް ވެސް ހިންގާކަން ފާހަގަކުރެވެއެވެ.

ޑްރައިވަރުންގެ ދެކޮޅު ހެދުންތަކަށް ބެލުމެއް ނެތި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން މިހާރުވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދޭގޮތުން އެމްޓީސީސީއާ ހަވާލުކުރީ 100 ޕަސަންޓް އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީ ލައިނެއްގެ ހިދުމަތް ދިނުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު