Friday, November 13
ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ނިންމަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރަމަޟާން މަހަށް މެދުކަނޑާލަން  ނިންމާފައި އޮތް އޮތުން ބަދަލުކޮށް ރަމަޟާން މަހު ޖަލްސާތައް ބޭއްވުމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީން ނިންމައިފިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައި، ދައުރު ކުރު ކުރުމަށް މަޖިލީހުގެ ގަވާއިދަށް ވަނީ އިސްލާޙް ހުށަހަޅާފައެވެ.

އެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ. އެ އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ބިލު ފާސްކުރުމަށް ނިންމަވާފައެވެ.

އެ އިސްލާހާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ވަނީ ފާޑު ކިޔާފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ ރަމަޟާން މަހު އަޅުކަން ކުރަން އޮންނަނީ އެހެން ދުވަސްތަކުގައި ކުރާ އަޅުކަން ކުރުމަށްފަހު އިތުރަށް ކުރުމަށް ކަމަށެވެ. އަދި އެންމެ ނިކަމެތި މީހާވެސް ރަމަޟާން މަހު އަޅުކަން ކުރަނީ އަދާކުރާ ވަޒީފާ ނުވަތަ މަސައްކަތް ކުރުމަށް ފަހުގައިކަމަށެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މީޑިއާތަކަށް ވިދާޅުވީ ރަމަޟާން މަހު ޗުއްޓީއަށް ނުދާގޮތަށް މިހާރު ވިސްނަމުންގެންދަވާ ކަމަށެވެ. ރަމަޟާން މަހު ޗުއްޓީއަށް ދާން ވިސްނީ، ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަށްވެފައި، އެ ދުވަސްތަކުގައި މަޖިލިސްވެސް ބަންދުވާނެތީ ކަމަށެވެ.

އެމްޑީޕީން ބުނަނީ އެ ޕާރޓީން މަޖިލިސް ރޯދަމަހު ޗުއްޓީއަށް ދިއުމަށް ތާޢީދު ނުކުރާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާއިރު ތިންވަނަ ދައުރު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް އިޞްލާހުގައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު