Tuesday, November 10
ރޯދަ މަހު ތަކެތީގެ އަގު އުފުލިޔަ ނުދީ ހިފަހައްޓާނަން: ސައީދު

މިދިޔަ ރަމަޟާން މަހުވެސް ސަރުކާރުން ތަކެތީގެ އަގު ވަރަށް ރަނގަޅަށމެނޭޖްކުރެއްވި ކަމަށާއި، މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މިޑިއާއިން ރޭ ގެނެސްދިން އަހާ ފޯރަމްގައި މިނިސްޓަރ ސައީދު ވިދާޅުވީ ތަކެތީގެ އަގު %3 އަށްވުރެ ދަށުގައި މިހާރުވެސް މެނޭޖްކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހުވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށެވެ.

ސަޢީދު ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގު %7 ހުރަސް ކުރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރި ނަމަވެސް، ސަރުކާރުން ކުރެވުނު މަސައްކަތުން ދުރާލައި އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް %3 އަށްވުރެ ދަށުގައި އަގުތައް ހިފެހެއްޓިފައިވާ ކަމަށެވެ. އެގޮތުން، އަގުތަކާ ގުޅިގެން ޚާއްސަ ސިޔާސަތެއް އެކުލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އެންގެވި ކަމަށާއި އެ ސިޔާސަތު މިހާރު އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ރަމަޟާން މަހު ތަކެތީގެ އަގު ހިފަހައްޓާ، އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި  ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން." މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

އެސްޓީއޯ އިން މިހާރު ވަނީ ފިޔާ އަދި ކާށި ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ. ވިޔަފާރިވެރިންވެސް ތަކެތީގެ އަގު އުފުލިޔަ ނުދީ ހިފެހެއްޓުމަށް މިނިސްޓަރ ވަނީ އެދި ވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު