Saturday, November 14
ރަސްފަންނާއި ސަލްޓަން ޕާކު ވީރާނާވަން ދޫކޮށްލާފައި ބޭއްވުމަކީ މާލޭ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް: ނިހާދު
ރަސްފަންނާއި ސަލްޓަން ޕާކު ވީރާނާވަން ދޫކޮށްލާފައި ބޭއްވުމަކީ މާލޭ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް ކަމުގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ނިހާދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ނިހާދު ވަނީ، މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި، ޒަމާނީ ފެންވަރަށް މި ތަންތަން ތަރައްޤީކުރެއްވުމަށް ނިންމެވީތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ. "ތިޔައީ ސީދާ ރައްޔިތު މީހާގެ ރައީސް! ކުރާނެ!"، ނިހާދު ވިދާޅުވިއެވެ. ނިހާދު މިހެން ވިދާޅުވިއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި، ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށް މިއަދު ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެ ކަމަށެވެ. ސަލްޓަން ޕާކާއި ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު، މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނީ މީގެ ތެރެއިން ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި 2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށް އިޢުލާނުކޮށްފައެވެ. މި ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި ޢިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަނެކެވެ. ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް ވަނީ އަންގާފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ސިޓީ ކައުންސިލުން އިތުރަށް ބުނީ ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިން ހަވާލުކުރެވިފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާތިލުކުރެވިފައި ކަމަށެވެ. އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު