Saturday, October 31
ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޖެހޭ: އާދަމް ޝަރީފް
ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ، ”ރޯދަ ސާފު” ހަރަކާތް ފެށިގެން ވަރަށް ފޯރީގައި ކުރިއަށް އެބަދާ ކަމަށާއި، މި ހަރަކާތް ޕަބްލިކް ވަރކްސްގެ އަތޮޅުތަކުގެ ސައިޓްތަކާއި ބައެއް ކައުންސިލްތަކުން ކުރިއަށްގެންދާ ކަމަށެވެ. އަދި މިއަދުގެ ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު ދަންނަވައިފައެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. "ސާފުތާހިރު ކަމަކީ ފަރުދީ ކަމަކަށް ހަދަމާތޯ!"، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. މިއަދު ފެށި ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން މާލެތެރެއާއި، މާލޭގެ މުހިންމު ގިނަ ސަރަހައްދުތައް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރެވޭނެ ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި ޕުރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް މަސައްކަތަށް ބޭނުންވާ އަންގިއާއި، ގޯންޏާއި، ބޯފެން ފަދަ އެއްޗެހި ފޯރުކޮށްދެނީ ސިޓީތަކާ ބެހޭ ވުޒާރާއިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު