އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އިން 3-0 ގެ ނަތީޖާ އަކުން ޗެލްސީ ބަލި ކޮށްފި އެވެ.
މީ އެއް ހަފްތާ ތެރޭ ބްރައިޓަން އިން ޗެލްސީ ބަލިކުރި 2 ވަނަ ފަހަރެއެވެ.މި މަހުގެ 8 ވަނަ ދުވަހު ޗެލްސީ ވަނީ ބްރައިޓަން އަތުން ބަލިވެ އެފް.އޭ ކަޕުންވެސް ކަޓާފައެވެ.
އަމިއްލަ ދަނޑުގައި ރޭގެ މެޗުގައި ބްރައިޓަން އަށް ފުރަތަމަ ގޯލު ޖަހައިދިނީ 27 ވަނަ މިނިޓުގައި ޖަޕާން ގެ ފޯވަރޑް ކައުރޯ މިޓޯމާ އެވެ.ފުރަތަމަ ހާފް ނިމުމުގެ ކުރިން 2 ވަނަ ގޯލް އަދި ދެ ވަނަ ހާފް ގައި އެ ޓީމުގެ 3 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޔަންކޫބާ މިންޓެ އެވެ.
ޗެލްސީގެ ތަރިން ކަމަށްވާ ކޯލް ޕާމާ އާއި އެންޒޯ ފެނަންޑޭޒް ފަދަ ކުޅުންތެރިންގެ ފަރާތުން މި މެޗުގަ ފެނުނީ ދަށް ކުޅުމެއެކެވެ. ބްރައިޓަން ގެ ގޯލަށް ނުރައްކާ ނުކުރެވުނު އިރު އެ ޓީމުގެ ފޯވާޑް މަޑުއިކޭ އަށް އަނިޔާވެގެން ވަނީ ބަދަލު ކޮށްފަ އެވެ. ކުރިޔަށް ހުރި މުހިއްމު މެޗުތަކުގައި މަޑުއިކެ ނުލާ ޓީމުގެ ޕްލޭން ހެދުން ކޯޗު މަރެސްކާގެ ބޮލު ރިހުމަކަށް ވާނެއެވެ.
''ފުރަތަމަ ވެސް ސަޕޯޓަރުންގެ ކިބައިން އިންތިހާޔަށް މައާފަށް އެދެން، ދިގު ދަތުރަކަށް ފަހު މާޔޫސްކަން މަތީ އެނބުރި ދާން ޖެހޭތީ ދެރަވެ މައާފަށް އެދެން" މެޗަށް ފަހު ޗެލްސީގެ އިޓަލީ ކޯޗު އެންޒޯ މަރެސްކާ ބުންޏެއެވެ.
''ލީގު ގަ ބާކީ 13 މެޗު އޮތް އިރު އަހަރެމެން މި ތިބީ ތިބެން ޖެހޭ ހިސާބަކު ނޫން، ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެ ރަނގަޅު ކޮށްގެން ލީގު ރަނގަޅު ހިސާބެއްގަ ނިންމާ ލެވޭނީ''
އަގު ބޮޑު ގިނަ ކުޅެންތެރިންތަކެއް ގެ ސޮޔާއެކު ސީޒަނާ ކުރިމަތިލި ޗެލްސީ ލީގުގަ އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު 6 މެޗުން ވެސް މޮޅުވެފަ އެއް ނުވެ އެވެ.
ރޭގެ ނަތީޖާޔާ އެކު ބްރައިޓަން ވަނީ އެސްޓަން ވިލާއަށް ވުރެ ކުރިޔަށް ޓޭބަލްގެ 8 ވަނަޔަށް ޖެހި ގޯލުގެ ތަފާތުން ޖެހިލާފައެވެ.މެޗެއް މަދުން ކުޅެފައިވާ ވިލާ އޮތީ ބްރައިޓަން އާއި އެއްވަރަށް 37 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ 9 ވަނައިގަ އެވެ.
އެއްވަނައިގަ އޮތް ލިވަޕޫލް އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ ޗެލްސީ އޮތީ 04 ވަނައިގަ އެވެ. ޗެލްސީ އަށް ކުރިޔަށް އޮތީ މި މަހުގެ22 ވަނަ ދުވަހު އެސްޓަން ވިލާ އާއި ދެ ކޮޅަށް ކުޅޭ މެޗެއެވެ.
މި ލިޔުން ކިޔާލުމުން