Thursday, November 19
ގްލޯބަލް ގަވަމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ވޯލްޑް ގަވަމަންޓްސް ސަމިޓްގެ ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ދުބާއީގައި ކުރިއަށްދިޔަ މި ސެޝަންގައި ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު ހިޒް އެކްސެލެންސީ މުޙައްމަދު ޔޫނުސް ވަނީ ސެޝަންގެ ބައިވެރިންނާ، މުޚާޠިބު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. ހިޒް އެކްސެލެންސީ މުޙައްމަދު ޔޫނުސްގެ ވާހަކަފުޅުގައި، ދުނިޔޭގެ ސިޔާސީ ކަންކަމާ ގުޅުންހުރި ތަފާތު ގޮންޖެހުންތަކާއި، ބަންގްލަދޭޝްގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގެ މުހިންމުކަމާއި، އާ ސަރުކާރުން ބަންގްލަދޭޝްގެ އިޤްތިޞާދު އާރާސްތުކުރުމަށް ބޭނުންވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ މޮޅު ވަޒީރަކަށް ހޮވިވަޑައިގެންނެވި ފަރާތަށް އިނާމު ދެއްވީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ. މި އެވޯޑަކީ ޕަބްލިކް ސެކްޓަރގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވައި، އިޞްލާޙުތައް ތަންފީޛުކުރުމުގައި ކާމިޔާބީ ޙާޞިލުކުރައްވާފައިވާ، ސަރުކާރުގެ ވެރިންނަށާއި ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ހިތްވަރުދީ، ސަރުކާރުގެ ވަޒީރުންގެ އަގުވަޒަންކުރުމަށްދެވޭ އިނާމެކެވެ.

މި ރަސްމިއްޔާތުގައި "ގްލޯބަލް ޓީޗަރ ޕްރައިޒް 2025" އެވޯޑް ހަވާލުކޮށްދެއްވީވެސް ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއެވެ. މިއީ 2015 ވަނަ އަހަރުން ފެށިގެން ގްލޯބަލް މޫވްމަންޓުން ދެމުން އަންނަ އެވޯޑެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު