Friday, November 13
ފަލަސްޠީނު ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެއިން މަޝްވަރާކޮށްފި

ފަލަސްތީނުގައި ދިރިއުޅޭ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ދައުރާގުޅޭ ގޮތުން ދިވެހިރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރެވުނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައެވެ. މި ބައްދަލުވުން އިއްޔެ ވަނީ ނިންމާލާފައެވެ.

ރާއްޖެއިން ވަނީ  މިކަމާއި ގުޅޭ ގޮތުން އިޒްރޭލުން ހުށަހެޅި ކަންކަމާ ދެކޮޅަށާއި އަދި ފަލަސްތީނުން ހުށަހަޅާފައިވާ ކަންކަން ކުރުމަށް ވޯޓްވެސް ލާފައެވެ.

ދިވެހިރާއްޖެއާއެކު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގައި 34 ޤައުމެއް ހިމެނެއެވެ. ޞިއްހަތާ ގުޅުންހުރި ބައިނަލް އަޤްވާމީ މުހިއްމު ނިންމުންތަކެއް ނިންމެވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު، އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

ރާއްޖެއިން ހުށަހެޅި ކަންތައްތަކުގެ ތެރެގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ޤައުމުތަކުން ތައްޔާރުވެ އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ޔުނިވަރސަލް ހެލްތު ކަވަރޭޖް އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހަޅާފައެވެ.

މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ބުރޫނާއި، ސައުތު ކޮރެއާ، ޤަތަރު އަދި ތައިލެންޑާއެކު ބައްދަލުވުންތަކެއް ބޭއްވުނެވެ. މި ބައްދަލުވުންތަކުގައި ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސްއާ ބައްދަލުކޮށް، ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު