"ޔޫތް ވެލްނެސް ލައުންޖް" އިން ދެވޭ ޚިދުމަތުގެ ތެރޭގައި ޒުވާނުންނަށް ވަކިން ކައުންސެލިން ދިނުމާއި ގްރޫޕް ކައުންސެލިންގެ ޚިދުމަތް ދެވޭނެ ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ދިމާވާ އެކިކަހަލަ ކަންކަމުގެ މައުލޫމާތު ތަފާތު މާހައުލަކުން ގެނެސްދިނުމަށް ޤާއިމްކުރެވިފައިވާ "ޔޫތް ވެލްނެސް ލައުންޖް" ގެ ހުރިހާ ޚިދުމަތެއް ވެސް ފޯރުކޮށްދޭނީ ހިލޭ ކަމަށް މިނިސްްޓްރީން މައުލޫމާތުދެއެވެ. މި ސެންޓަރު ހުންނަނީ މާފަންނު ޔޫތު ސެންޓަރުގައެވެ.
އެތަނުން ލިބެ ޚިދުމަތް ތަކުގެ ތެރޭގައި އާއްމު ޞިއްހތުގެ މައުލޫމާތާއި، ލޭ އަދި ކޮލެސްޓްރޯލް ޗެކް ކޮށް އެފަދަ މައްސަލަތަކުގެ މައުލުމާތު ހިއްސާކުރުން ހިމެނެއެވެ. ޞިއްޙީ މައުލޫމާތު ދިނުމަށް ކޮންމެ އާދިއްތަ ދުވަހަކު ހަވީރު 4-6 އަށް ހިލޭ ކޮންސަލްޓޭޝަންގެ ޚިދުމަތްވެސް ވެލްނެސް ސެންޓަރުން ލިބިގެންދާނެއެވެ.
ވެލްނެސް ސެންޓަރުގެ ޚިދުމަތާއި ބެހޭގޮތުން ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ޔޫތު މިނިސްޓްރީގެ ސީނިއަރ ކައުންސެލަރ މަރިޔަމް ސާދާ ވިދާޅުވީ ޚިދުމަތް ހޯދުމަށް ކުރިން އެޕޮއިންޓްމަންޓް ހޯދައިގެން އަދި އެތަނަށް ޒިޔާރަތްކޮށްގެން ވެސް ޚިދުމަތް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ދަރިމައިވުމުގެ ޞިއްހަތާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާއި ބެހޭ މައުލޫމާތު ޒުވާނުންނާއި ފުރާވަރު ކުދިންނަށް އެކުދިންގެ އުމުރުފުރާ އާއި ގުޅޭގޮތަށް ދެވޭނެ ކަމަށް ވެސް ސާދާ ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ކްލިނިކަކަށް ދިއުމުގެ ބަދަލުގައި ދެވޭ ފުރަތަމަ އެހީ ދިނުމަށް ވެލްނެސް ސެންޓަރުން ކަމާއި ގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކުރެވި އެހީތެރިކަން ލިބޭނެއެވެ.
ވެލެނެސް ސެންޓަރުގައި ކޮންމެ ހަފްތާ އަދި މަހެއްގައި ޕްރޮގްރާމްތައް ރޭވިގެން ހިންގާނެއެވެ. އޭގެ ތެރޭގައި ވަކި ވަކިން ކައުންސެލިން ދިނުމާއި ގްރޫޕް ކައުންސެލިންގެ ޚިދުމަތް ދެވޭނެއެވެ. މި ސެންޓަރު މާލޭގައި ހުރި ނަމަވެސް އަތޮޅުތަކުގެ ޒުވާނުންނަށް އޮންލައިންކޮށް ބައިވެރި ވެވޭގޮތަށް ވެސް ޕްރޮގްރާމް ހިންގާކަމަށް މިނިސްްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ފޯކަސްގްރޫޕް ސެޝަންތަކާއި ލައިފް ސްކިލްސް ޕްރޮގްރާމްތައް އެ ސެންޓަރުން ހިންގައެވެ.
ޔޫތް ވެލްނެސް ލައުންޖް ގެ ފަރާތުން މި މަހުގެ ތެރޭގައި ޕިއަރ އެޑިޔުކޭޝަން ޕްރޮގްރާމެއް ވެސް ހިންގުމަށް މިހާރު މިނިސްޓްރީން ވަނީ ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން