އިންޑިއާގެ ނައިބު ރައީސް، އަދި ރާޖްޔާ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ދަޢުވަތު އަރުވައިފިއެވެ.
މިގޮތުން މި ދަޢުވަތު ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޝްރީ ޖަގްދީޕް ދަންޚާރާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
އިއްޔެގެ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.
ރާޖްޔާ ސަބާގެ ޗެއަރމަންގެ ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިރާއްޖެއިން އެހީއަށްއެދޭ ކޮންމެވަގުތެއްގައިވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވްސް – އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި ދިވެހި ވަފުދުގެ ހުރިހާ މެންބަރުންނަށްވެސް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. އަދި ދެގައުމުގެ ދެމެދުގައިވާ މިއެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި އިއްޔެ ވަނީ ހުމާޔުން ޓޫމްބަށް ޒިޔާރަތް ކުރައްވައިފައެވެ. އަދި މިއަދު ދިވެހި ވަފުދުގެ ބޭފުޅުން ތާޖް މަހަލް ބައްލަވައިލެއްވުމަށް އާގަރާއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިވަފުދުގެ ބޭފުޅުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 14 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން