Monday, November 2
ގޭންގު ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ބިލު ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު، މުސްތަފާ ޙުސައިނެވެ. މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ ހާޒިރުވެވަޑައިގެން ތިއްބެވި 75 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ބިލުގައިވާ ގޮތުން ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގައި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމާއު ރައްކާތެރިކުރުމަށްޓަކައި، ކަމާގުޅޭ ތަފްޞީލީ ޤާނޫނީ އޮނިގަނޑެއް ޤާއިމުކޮށް، ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް މަގުފަހިކުރުމެވެ.

މިގޮތުން މި ޤާނޫނުން ހާސިލުކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭ ގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ދިވެހިރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭ ގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ ޢަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުމާއި، ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްޞަ ބާރުތަކެއް ދިނުން ހިމެނެއެވެ.

މީގެ އިތުރުން، ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކުން ކުޑަކުދިންނާއި ޒުވާނުން އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަންދީ، ހެޔޮ ގޮތުގައި މުޖުތަމަޢަށް ރުޖޫޢަވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ޚާއްޞަ ފިޔަވަޅުތައް އެޅުމުގެ އުޞޫލުތައް ކަނޑައެޅި، ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކުން ރައްޔިތުންނާއި މުޖުތަމާއު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭ ގޮތް މޮނިޓަރކޮށް، ފިޔަވަޅު އެޅޭނެ ޚާއްޞަ އުޞޫލުތައް މި ބިލު ފާސްވުމާއެކު ކަނޑައެޅިގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު