Saturday, October 31
ފިލިޕީންސް ދަތުރު ވަރަށް ކާމިޔާބު: އާދަމް ޝަރީފް
ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މަނީލާގައި ބޭއްވި އޯޖީޕީ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، ލޯކަލް ކައުންސިލްތަކާއެކު ބައްދަލުކުރެއްވުމަށް ފިލިޕީންސަށް ކުރެއްވި ދަތުރުފުޅު ވަރަށް އުފެއްދުންތެރި އަދި ކާމިޔާބު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނާއި ޔޫއެންޑީޕީ މޯލްޑިވްސް އިން އޯޕަން ގަވަރނަންސާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލޯކަލް ގަވަރމަންޓުތަކަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު ދަންނަވައިފައެވެ. ވަޒީރުގެ ދަތުރުފުޅުގައި ވަނީ ސެކްރެޓަރީ އޮފް ދަ އިންޓީރިއަރ އެންޑް ލޯކަލް ގަވަރމަންޓް އޮފް ދަ ފިލިޕީންސް، ހުއަނީތޯ ވިކްޓަރ ސީ. ރެމޫލާ އާވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ލާމަރުކަޒީ ނިޒާމާއި ލޯކަލް ގަވަރނަންސް ހަރުދަނާކުރުމާއި، ދިވެހިންނަށް ފިލިޕީންސުން ސްކޮލަރޝިޕް ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން ވަޒީރު އާދަމް ޝަރީފް ވަނީ ރާއްޖެއަށް ވަޑައިގަތުމަށް ސެކްރެޓަރީ ރެމޫލާއަށް ދަޢުވަތުވެސް އަރުވައިފައެވެ. އަދި ސެކްރެޓަރީ ރެމޫލާ އެ ދަޢުވަތު ޤަބޫލުކުރައްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ފިލިޕީންސަށް ކުރެއްވި ދަތުރުފުޅަކީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މަނީލާގައި ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާ ކުރައްވާފައިވެއެވެ. މި ދަތުރުފުޅަށް ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މި ދަތުރުގައި އެންމެ އިސްކަން ދެއްވާނީ ރާއްޖޭގެ ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން ނުވަތަ ރަށުގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރެވިދާނެ ގޮތްތައް ހޯއްދެވުމަށް ކަމަށެވެ. މީގެ އިތުރުން، ކާމިޔާބުކަމާއެކު ލާމަރުކަޒީ ނިޒާމު ހިންގާ ޤައުމުތަކުގައި ކަންކަން ކުރައްވާ ގޮތް ދެނެގަނެ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާގެ ޢަލީގައި ހޯއްދެވުމަކީވެސް ދަތުުރުފުޅުގެ އަމާޒެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. ޔޫއެންޑީޕީގެ އެހީއާއެކު ވަޒީރު ކުރެއްވި މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްދު މާހިރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު