ދިވެހި ސަރުކާރުން ކެނެޑާއާއި މިޞްރަށް ކަނޑައަޅުއްވާ ސަފީރުންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި މަޤާމުތަކަށް ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވައިފައެވެ.
މިގޮތުން ދިވެހިރާއްޖެއިން ކެނެޑާއާސް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް ރައީސް ހުށަހެޅުއްވީ ރާއްޖެއިން އެމެރިކާއަށް މިހާރު ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު، ޢަބްދުލްޣަފޫރު މުޙައްމަދުގެ ނަންފުޅެވެ. އޭނާ އަކީ ޚާރިޖީ ވުޒާރާގެ ސެކްރެޓަރީގެ މަޤާމާއި އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ރައީސް ވަނީ ރާއްޖެއިން މިޞްރަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމަށް، ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރުގެ ނަންފުޅު ހުށަހަޅުއްވައިފައެވެ. އޭނާ އަކީ ފޮރިން ސެކްރެޓަރީގެ މަޤާމާއި، ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމުގެ އިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
މި ދެ ބޭފުޅުންގެ ނަންތައްވެސް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
މި ލިޔުން ކިޔާލުމުން