Thursday, November 19
މަޖިލީހުގެ ވަސީލަތްތައް ޑިޖިޓައިޒްކުރުމަށް އިންޑިއާގެ ފަންނީ އެހީތެރިކަމަށް އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ, އިންޑިއާގެ ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެްވި ޕޯސްޓެއްގައި ޝްރީ އޯމް ބިރްލާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމަނިކުފާނާއެކު ވަޑައިގެންނެވި މަޖިލީހުގެ ވަފުދާ ބައްދަލުކުރެއްވި ކަމަށާއި، އިންޑިއާ އާއި ދިވެހިރާއްޖެއިން ހިއްސާކުރަނީ ތާރީޚީ ގުޅުންތަކެއް ކަމަށާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކަކީ އެކަމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތާއި "ސާގަރް" ތަޞައްވުރުގައި ރާއްޖެއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ޝްރީ އޯމް ބިރްލާ ތަކުރާރުކުރެއްވިއެވެ. އަދި އިސް ވަފުދުތަކުގެ ދަތުރުތަކާއި މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފަންނިއްޔަތާއި ޑިޖިޓަލައިޒޭޝަނާއި އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރާ ގޮތުގެ އަގު ޢަބްދުއްރާޙިމް ވަޒަންކުރެއްވިކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށާއި، ރާއްޖޭގެ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓައިޒްކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މިކަމުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޝްރީ އޯމް ބިރްލާ ވަނީ އަރުވައިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތަމްރީންކުރުމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގައި، މަޖިލިސް މެންބަރުންނާއި އޮފިޝަލުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި "ޕްރައިޑް" ގެ ވަސީލަތްތައް ބޭނުންކުރެވިދާނެކަން އަންގަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމަކީ ޢަބްދުއްރާޙީމް އިންޑިއާއަށް މިހާރު ކރުައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި ލޮކް ސަބާގެ ރައީސްގެ އިތުރުން، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބްއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު