Friday, November 13
އަމާޒަކީ މާލެ ސިޓީ ކައުންސިލަކީ ރާއްޖޭގައި އޮތް އެންމެ ޤާބިލް އިދާރާއަކަށް ހެދުން: އާޒިމް
މާލެ ސިޓީ ކައުންސިލަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ޤާބިލް އަދި އެންމެ ހިތްހަމަޖެހިގެން ޚިދުމަތް ދެމުންދާ އިދާރާއަކަށް ހެދުމަކީ އަމާޒެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ ޚިދުމަތުގެ ރޮނގުން މާލެ ސިޓީ ކައުންސިލަށް ވުރެ ރަނގަޅަށް ޚިދުމަތްދޭ އޮގަނައިޒޭޝަނަށް ނެތް މިންވަރަށް މާލެ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންނާއި މުވައްޒަފުން ގުޅިގެން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ މީގެ 15 އަހަރު ކުރިން، މަޖީދީ މަގުގައި ހުރި ބިއްލޫރިޖެހިގޭގައި ހިންގަމުން އައި ، މާލެ ސިޓީ ކައުންސިލްގެ އޮފީސް ބަދަލުކުރަންޖެހުމުން މާލޭގެ އެކި ހިސާބުތަކުގައި ހުރި 9 ޢިމާރާތެއްގައި، މާލެ ސިޓީގެ ޚިދުމަތްތައް ދިނުމަކީ ވަރަށް ބުރަ، ގޮންޖެހުން ބޮޑު މަސައްކަތަކަށްވެފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތައިސޭ ކޮށީގައެވެ. 20 ހާސް އަކަފޫޓުގެ ބިއްމެއްގައި ޢިމާރާތް ކުރާ މި އައު އޮފީސް ޢިމާރާތުގައި ހުންނާނީ ދެ ފަންގިފިލާއަށެވެ. މި ވަގުތު މާލެ ސިޓީ ކައުންސިލުން ޚިދުމަތް ދެމުން އަންނަނީ އެކި ސަރަހައްދު ތަކުގައި ހުރި 9 އިމާރާތެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުވުމަކީ، މާލެ ސިޓީގެ އިޚުތިޞާސްގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި ދިރިއުޅޭ، ދޮޅު ލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަކަމަކާއި ހިތްހަމަ ޖެހުމަކަށް ވެގެންދާނެ ކަމަށް މޭޔަރ އާޒިމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު