އާދިއްތަ, November 1
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އާއި މީޑިއާތައް ތަމްޘީލްކުރާ މެންބަރެއްގެ މަގާމު 28 އެޕްރީލް 2025 ގައި ހުސްވާތީ އެ ދެމަގާމަށް ދެ މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ އިޢުލާނުގައިވާ ގޮތުން އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، ވޭތުވެދިޔަ 2 (ދޭއް) އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚުލާގު ރަނގަނޅު މީހެއް ކަމުގައިވުމުގެ އިތުރުން  ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން، އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރ ކަނޑައަޅުއްވާ ފަރާތްތައް ކަނޑައެޅުއްވުމުގައި ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކޮށްފައިވާ ފަރާތްތަކަށާއި، އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަން، ޚާއްސަ ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވާނީ 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު