އުކާލާ މަހާއި މަހުގެ ބާވަތްތަކުން ފައިދާ ހުރި ބާވަތްތައް ބާޒާރަށް ނެރުމަށް ވޯލްޑް ބޭންކުން 8.3 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަންނެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ، އުކާލާ މަހުގެ ބާވަތްތަކުން ފައިދާ ހޯދޭނެ އުފެއްދުންތައް އީޖާދުކުރުމަށް އެހީތެރިވެދެއްވުމަށް ވޯލްޑް ބޭންކުގެ އެހީގައި 8.3 މިލިއަން ޑޮލަރު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން 128 މިލިއަން ރުފިޔާއެވެ.
ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމްއާ ސުވާލުކުރެއްވުން pic.twitter.com/8j44W1bMfZ
— People's Majlis (@mvpeoplesmajlis) February 11, 2025
މީގެ އިތުރުން މަހުގެ އުފެއްދުން އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް މަހުގެ އުފެއްދުން ބާޒާރަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން 1.8 މިލއަން ޑޮލަރު ނުވަތަ 27.7 މިލިއަން ރުފިޔާ ހަމަޖައްސަވާފައިވާ ކަމަށާއި، މި މަޝްރުގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ހަމަޖެހޭނެކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ފަންޑް ހޯދުމަށް އެޕްލިކެޝަން ހުށަހެޅުމަށްގެ ފުރުޞަތު ހުޅުވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
މަހުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާރުވެސް މަސް ކައްކާ ހިއްކާ ފަރާތްތަކަށް ޚާއްޞަކޮށްގެން މިނިސްޓްރީގެ ރިވޯވިން ފަންޑުގެ ތެރެއިން 18 މިލިއަން ރުފިޔާގެ ލޯނު ދޫކުރެއްވުމަށް މޯލްޑިވްސް އިސްލާމިކް ބޭންކާއެކު މަސައްކަތްކުރައްވަމުންދާކަން މިނިސްޓަރ މިއަދު ހާމަކުރެއްވިއެވެ.
"މިނިސްޓްރީގެ ރިވޯލްވިން ފަންޑުން 18 މިލިއަން ރުފިޔާގެ ލޯނު ސީދާ މަސް ކައްކާ ހިއްކާ ފަރާތްތަކަށް ދޫކުރުމަށް އިސްލާމިކް ބޭންކާއެކު މިވަނީ މަސައްކަތް ފަށާފައި. މިއީ ފެށުމެއް. އަޅުގަނޑުމެންގެ ސަރުކާރުގައި ރަށްފުށުގައި މަސައްކަތްކުރާ އަތޮޅު ތެރޭގައި މަސައްކަތްކުރަ ފަރާތްތަކަށް ޚާއްޞަކޮށް މަސް ކިއްކާ ހިއްކުމުގެ މަސައްކަތުގައި އުޅުއްވާ ފަރާތްތައް އަޅުގަނޑުމެންގެ ސަރުކާރުގައި ބާކީނުކުރާނެ " މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ބޮޑެތި އެހީތެރިކަމެއް ދެއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރ މިއަދު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން