Friday, November 13
ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވާކޮށްފި

ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމާއި ގުޅޭގޮތުން އެކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވާރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ބޭސް ފޯރުކޮއްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން މިއަދު ވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާއި ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ.

މި ތިން ފަރާތް ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ބައްދަލުވުމުގައި ބައެއް މުހިންމު ކަމަންކަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމްކުރުމަށްވެސްވަނީ ނިންމާފައެވެ.

މި ފަހަކަށް އައިސް ބޭސް ނުލިބޭކަމަށް ބުނެ އާއްމުންގެ ކަންބޮޑުވުން ސޮޝަލްމިޑިއާގައި ފާހަގަކޮށްފައިވެއެވެ. އެކަމާއި ގުޅިގެން ބޭސް ނުލިބޭނެނަމަ އެކަމުގެ މައުލޫމާތު އާސަންދައާއި ހިއްސާކުރުމަށް އެ ކުންފުނިންވެސް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު