Friday, November 13
ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދަން ގަރާރެއް ހުށަހަޅައިފި

ރިސޯޓު މުވައްޒަފުންނަށް ބުރުގާ އެޅުމާއި ތުނބުޅި ބަހައްޓަން ހުރި ހުރަސްތައް ނައްތާލަން ގޮވާލާ ބ. ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މެމްބަރު ޒާކިރު މިއަދު ހުށަހެޅުއްވި ގަރާރުގައި ބުނީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި އެ ނޫން ވެސް ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތަބާވާންޖެހޭ ޑްރެސްކޯޑުތައް މިހާރު ހުރި ގޮތުން، އެ ތަންތަނުގައި އުޅޭ މުވައްޒަފުންނަށް ބުރުގާ އެޅުމާއި، ތުނބުޅި މަތިމަސް ބެހެއްޓުންފަދަ ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާ ކަމަށް ކަނޑައަޅައިފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށް މެމްބަރު ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބައެއް ތަންތަނުގައި ހެދުން އެޅުމުގެ މިންގަނޑުތައް އެކުލަވައިލެވިފައިވާ ގޮތުން  ބުރުގާ އެޅުމާއި ތުނބުޅި މަތިމަސް ބެހެއްޓުމަށް ހުރަސްތައް ކުރިމަތިވާކަން  ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

މައުރޫފް ވިދާޅުވީ ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން އެ ސިނާއަތުގައި މަސައްކަތްކުރާ 11،000 އަށްވުރެ ގިނަ މަސައްކަތްތެރިންނާ ސުވާލުކުރުމުން 93 ޕަސެންޓު މީހުން ރަނގަޅު މިންވަރަަކަށް ތުނބުޅި ބަހައްޓައިގެން މަސައްކަތް ކުރުމުގެ ފުރުސަތެއް ލިބުން އެދޭކަމަށް ބުނެފައިވާކަމަށެވެ.

ބައެއް ރިސޯޓްތަކުގެ މުވައްޒަފުންނަށް ތުނބުޅި މަތިމަސް ބަހައްޓައިގެން މަސައްކަތް ކުރެވޭގޮތް ހުރިނަމަވެސް ގިނަ ރިސޯޓްތަކުގައި ތުނބުޅި ބަހައްޓުމަށް ހުއްދަ ނޯވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު