ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ޢަބްދުއްރަޙީމް ވަނީ އިންޑިއާ އަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަން އިޢުލާންކުރައްވައި، ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމާ ހަވާލުކުރައްވައިފައެވެ.
އިންޑިއާ ސަރުކާރުން މީގެ ކުރިން ހާމަކުރި ގޮތުގައި މަޖިލީހުގެ ވަފުދަކާއެކު ޢަބްދުއްރަޙީމް އިންޑިއާއަށް ވަޑައިގަންނަވާނީ ފެބުރުވަރީ 10 އިން 14 އަށެވެ. މިއީ އިންޑިއާގެ ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާގެ ދަޢުވަތަކަށް ޢަބްދުއްރަޙީމް ކުރައްވާ ދަތުރުފުޅެކެވެ.
މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ޢަބްދުއްރަޙީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ މި ދަތުރުފުޅަކީ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން އިންޑިއާއިން އެ ޤައުމުގެ އަވަށްޓެރި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާއެކު ގުޅުން ބަދަހިކުރުމަށް ގަވާއިދުން ބާއްވާ މިފަދަ ބައްދަލުވުމުގެ ތެރެއިން އިންތިޒާމުކުރެވޭ ދަތުރުފުޅެކެވެ.
މި ލިޔުން ކިޔާލުމުން