މާލީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބޭ ޚާއްޞަ ސްކޮލަރޝިޕެއް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ތަޢާރަފްކޮށްފިއެވެ.
މިގޮތުން ޕެންޝަން އޮފީހުން އިއްޔެ ކުރި އިޢުލާނުގައި ބުނެފައިވަނީ މިއީ މެރިޓް ބޭސްޑް އުސޫލުން ދޭ ސްކޮލަރޝިޕެއް ކަމަށާއި، މި ސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ހާސިލުކުރުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ އެ އޮފީހުން ކަމަށެވެ. މި ޕުރޮގުރާމުގެ މަޤުޞަދަކީ އެ އޮފީހުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތަށް އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުނަރުވެރި ދިވެހިންނަށް ދީ، ޤާބިލު މީހުން ބިނާކުރުމެވެ.
މި ޕުރޮގުރާމުގެ ދަށުން ފުރަތަމަ ޑިގްރީ ހާސިލުކުރުމުގެ އެއް ފުރުޞަތަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް ނުވަތަ އިކޮނޮމެޓްރިކްސް ނުވަތަ އެކްޗުއެރިއަލް ސައިންސްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މި ސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 16 މާރިޗު 2025 ގެ 16:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބޭނީ ޓައިމްސް ހަޔަރ އެޑިއުކޭޝަން ވާރލްޑް ޔުނިވަރސިޓީ ރޭންކިންގްސްގެ ޓޮޕް 200 ގައި ހިމެނޭ ޔުނިވަރސިޓީތަކުންނެވެ. ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރާއި، ލީޑަރޝިޕާއި އެހެނިހެން ތަޖުރިބާއާއި، ސްޓޭޓްމަންޓް އޮފް ޕާޕަސް އަދި އިންޓަވިއު އަށެވެ.
މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މި ލިޔުން ކިޔާލުމުން