Saturday, October 31
އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭ ގޮތަށް ޤާނޫނަށް އިޞްލާޙު ހުށަހަޅައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭ ގޮތަށް ހެދުމަށް ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރެވެ.

މި ޤާނޫނަށް ހުށަހަޅާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި އ.ތ.މ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްޞީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމާއި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތަކާއި، ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން ކޮމިޓީތަކުގެ ހަރަކާޓްތައް ހިންގުމަށް އެ ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި އެފަދައިން ދޫކުރާ ފައިސާ ކޮމިޓީތަކުން ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމުގެ އިތުރުން ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައް ހިމެނެއެވެ.

މީގެ އިތުރުން، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތައްވެސް ބިލުގައި ހިމެނެއެވެ.

އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި އަންނަ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެ ކަމަށެވެ.

މިގޮތުން ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަޙައްމަލުކުރަމުންދާ ކޮމިޓީތަކެއް ކަމަށާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމިޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް، އެކަމަށް ޙައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެއްވީ ކަމާ ގުޅުންހުރި ލަފާ ހޯއްދަވައި ދިރާސާތައް ކުރެއްވުމުގައި ކަމަށެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ ދެން އޮންނަ ދައުރުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާނޭ ކަމަށް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި އެ އިޞްލާޙުތައް ގެނެސް، އަންނަ ރަމަޟާން މަހު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު