ޞައްޙަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކުފޯހުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު ހުޅުމާލޭގައި ރެއިޑު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކުފޯހުން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު ކުރިއަށް ގެންދެވުނު ރެއިޑު އޮޕަރޭޝަންގައި ހުޅުމާލޭގައި ހުންނަ 3 ކެފޭ/ޓޭކްއަވޭ އެއް ބަލައި ފާސްކުރެވުނު. މި އޮޕަރޭޝަންގައި ބަލައި… pic.twitter.com/Q3z9udTRBK
— Maldives Immigration (@ImmigrationMV) February 9, 2025
މި އޮޕަރޭޝަންގައި ހުޅުމާލޭގައި ހުންނަ ތިން ކެފޭ/ޓޭކްއަވޭ އެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، މި ތަންތަނުގެ ތެރެއިން އެއް ތަނުގައި ޞައްޙަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމުގެ އިޤުތިޞާދު އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އަދި ވަކިން ޚާއްޞަކޮށް، ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ. މިގޮތުން މި މައްސަލަ ހައްލުކުރުމަށް، ދިވެހިރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށާއި، އެފަރާތްތަކުގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު، ބައޯމެޓްރިކްސް ނެގުމަށް "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި އޮޕަރޭޝަނެއް، 2 މޭ 2024 ގައި ފަށައި، ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވަގުތުވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، 59 ރަށެއްގައި ދިރިއުޅޭ ބިދޭސީ ހުރިހާ މަސައްކަތްތެރީންގެ މައުލޫމާތު މިހާތަނަށް އެއްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހައިތަނަށް 43,294 ބިދޭސީންގެ މައުލޫމާތު އޮޕަރޭޝަން ކުރަނގިން އެއްކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، 17 ނޮވެންބަރު 2023 ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6,076 ބިދޭސީން ޑީޕޯޓުކޮށް، 24,540 ބިދޭސީން ވަނީ ރެގިއުލަރައިޒް ކުރެވިފައި ކަމަށެވެ.
އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރުފުކުރެވި، މިހާތަނަށް، އިމިގްރޭޝަން ވޮޗަށް 1,297 މައްސަލަ ހުށަހެޅިފައިވާއިރު، ނުނިމި އޮތީ އެންމެ 11 މައްސަލަ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން