މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން އިއްޔެ ހައްޔަރުކުރި މީހަކާމެދު ޢަމަލުކޮށްފައިވާ ގޮތް ރިވިއުކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މަޢުލޫމާތު އިއްޔެ ހެނދުނު 10:13 ހާއިރު ލިބިފައިވާ ކަމަށާއި، އެ މަޢުލޫމާތާ ގުޅިގެން ފުލުހުން ބެލިއިރު، އެ މީހާ ދުއްވި ވޭން ހުޅުމާލޭ ފިތުރޯނު މަގު އަރިމައްޗަށް އަރައި އެކްސިޑެންޓްވެފައި އޮތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރުމުން މި އުޅަނދު ހުޅުމާލޭ ދެވަނަ ފިޔަވަހިން އަންނިކޮށް ފޭސް 2 އާއި ފޭސް 1 ގުޅުވައިދޭ ބުރިޖު ޑިވައިޑާގައި ޖެހިވެސް އެކްސިޑެންޓްވެފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އުޅަނދު ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކުޑަކަމުދާ ތަކެތި ތަހުލީލު ކުރުމަށްފަހު ނެގެޓިވްވުމުން ދޫކޮށްލާފައިވާ ކަމަށެވެ.
އެމީހާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ޢަމަލުކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ޢާއިލާއިން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ސްޓްރޯކެއް ޖެހި، އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ހާލު ގޯސްވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން