Friday, November 13
ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި ހިތްވަރުފުޅު ގަދަ ބޭފުޅެއް: ރައީސް
މެރިން ރިސާޗަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޙަސަން ޝަކީލް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މިގޮތުން ރައީސްގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ، ޙަސަން ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ޝަކީލަކީ، މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއް ކަމަށާއި، އަވަހާރަވި އިރު، ހުންނެވީ މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ޤައުމީ ޚިދުމަތުގައި ކަމަށެވެ. ރައީސް ވަނީ ޝަކީލްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި، ތަޢުޒިޔާ ދަންނަވަައިފައެވެ. "ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި، މާތް الله މަރްޙޫމު ޝަކީލުގެ ފުރާނަ ލައްވާށި. އާމީން"، ރައީސް ވިދާޅުވިއެވެ. ޝަކީލް އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ވެސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ޝަކީލް އަވަހާރަވިއިރު ހުންނެވީ އެ އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. މެރިން ރިސާޗް އިންސްޓިޓިއުޓުން ވިދާޅުވީ ޝަކީލަކީ، މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އެ އިންސްޓިޓިއުޓަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅަކީ ޝަކީލް ކަމަށްވެސް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު