މާލޭގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 8:18 ހާއިރު މާލޭޣެ ވައިލެޓް މަގު ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީއެއް ހިންގަން އުޅުނުކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ރޭ ހުޅުމާލޭގައިވެސް ވަނީ މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލައިފައެވެ. މިގޮތުން ފުލުހުން ބުނީ ހުޅުމާލޭ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ މައްސަލަ ރޭ 11:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި މި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތަމް އިބްރާހީމް (25 އ.) އާއި ބ. ހިތާދޫ، ސްޓަރ، ޢަބްދުﷲ ޒާހިދު ޒުބައިރު (18 އ.) އެވެ.
މި ލިޔުން ކިޔާލުމުން