ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ފުރަތަމަ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދީ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެންސަކީ މި ސަރަހައްދުގެ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ މެމްބަރު ޤައުމުތަކުގެ ޕާލަމެންޓްތަކުގެ މަންދޫބުން އެއްތަނަކަށް އެއްވެ، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ޚިޔާލު އެއްގޮތްކޮށް، އެއްބާރުލުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ކޮންފަރެންސްގައި ދުނިޔެއާއި ސަރަޙައްދަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.
ނާޡިމް ވަނީ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މިއަދު ތަޤުރީރުކުރައްވައިފައެވެ. އެގޮތުން ހެޔޮވެރިކަމެއް ކުރުމުގެ އަސާސީ ސިފަތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނިންމުމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމާއި، މިނިވަން މީޑިއާގެ ވެށްޓެއް ދެމެހެއްޓުމާއި، ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމުގެ މުހިންމުކަން ނާޡިމް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މި ކަންކަން ދެމެހެއްޓުމަށް މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން މި ކޮންފަރެންސްގެ މުހިންމު ފުރުޞަތުގެ ބޭނުންހިފައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތަޖުރިބާތައް ހިއްސާކޮށް، ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، އަދި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމަށް އަތުގުޅާލުމަށް ނާޡިމް ވަނީ އިލްތިމާސްކުރައްވައިފައެވެ.
އަދި، މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ވަރުގަދަކޮށް، މިނިވަންކަމާއެކު މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމާއި މަޝްވަރާއަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށްވެސް ނާޡިމް އިލްތިމާސް ކުރެއްވިއެވެ.
"މި ކޮންފަރެންސްގެ މުހިންމު ފުރުޞަތުގެ ބޭނުންހިފައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަޅުގަނޑުމެންގެ ތަޖުރިބާތައް ހިއްސާކޮށް، އަޅުގަނޑުމެންގެ ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، އަދި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. މިމެޙުފިލުގައި އަޅުގަނޑުމެން ކުރިއަށް ގެންދާ މަޝްވަރާތަކުން އުފެދޭނެ މާނަވީ ބަދަލުތަކަކީ، ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ ޤައުމުތަކަށް އެކަނި އަސަރު ކުރާނެ ބަދަލުތަކެއް ނޫނެވެ. މުޅި ސަރަހައްދަށްވެސް އޭގެ ހެޔޮ އަސަރު ފޯރާނެ ބަދަލުތަކެއް ކަން ޔަޤީން"، ނާޡިމް ވިދާޅުވިއެވެ.
ނާޡިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މައިދާނުގައި އިތުރުވަމުންދާ ޕޮޕިއުލިޒަމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، އަދި ޑިމޮކްރެޓިކް އުސޫލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަންކަމެވެ. މި ކަންކަމާ ކުރިމަތިލުމަށް ޖަމާޢަތުގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން، ސަރަހައްދުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ފަރަގުތަކާއި، ސަލާމަތީ ނުރައްކާތަކާއި، ނިރުބަވެރިކަމާއި ދޮގު މަޢުލޫމާތު ފެތުރުމާއި އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން ހެޔޮ ވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފަދަ ގޮންޖެހުންތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
"މިއަދުގެ ދުނިޔޭގައި ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮންޖެހުންތަކަކީ ޤައުމީ އިންތައް ފަހަނައަޅައި، ބަވަނަ ވެފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިލާމެހިފައިވާ މައްސަލަތަކެއް. މިފަދަ ޙާލަތެއްގައި އެއްވެސް ޤައުމަކުން އެކަހެރި ސިޔާސަތުތަކެއް ގެންގުޅުމަކީ އެކަށީގެންވާ ޙައްލެއް ނޫން. އެހެންކަމުން، އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައިވާ ޒިންމާއަކީ މަޝްވަރާގެ މަގު ތަނަވަސްކޮށް، ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރުކޮށް، އެކި ޤައުމުތަކާއި މުއައްސަސާތަކާއެކު ގުޅުން ބަދަހިކޮށް، މާ ފަހި މުސްތަޤްބަލަކާއި ފުރިހަމަ މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުން"، ނާޡިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި 67 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރަންސް (ސީޕީސީ) ގައި ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.
މި ލިޔުން ކިޔާލުމުން