Friday, November 13
ފުވައްމުލަކުގެ ޑްރަގް ނެޓްވޯކް ހުއްޓުވިއްޖެ: އިހުސާން

ފުވައްމުލައް ސިޓީގައި އޮތް ޑްރަގް ނެޓްވޯކް އެއްކޮށްހެން މިހާރު ހުއްޓުވިފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރިޔާސި ބަޔާން 2025 ފޯރަމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ އަތޮޅުތަކަށް ޚާއްޞަ ކޮށްގެން މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގާ، އެ  ހުރިހާ ޑްރަގް ނެޓް ވޯކްތަކެއް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

'' ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން، މީހުންނަށް ދެމުންގެންދާތަން އެއްކޮށް ހުއްޓުވާ އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށް، އޭގެ އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑަރިންގ ގެ ކުށުގައި ހައްޔަރު ކުރެވި ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު މިހާރު ދަނީ ދެމުން،"އަލީ  އިހުސާން ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިދިޔަ އަހަރު ތެރޭގައި މަސްތުވާތެއްޗާއި ދެކޮޅަށް "ވެށި ރައްކަލް''  ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ހިންގިއެވެ. މިދިޔަ އަހަރުގެ މެއި 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، އެ ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ދިޔަ ކަމަށެވެ.

މި އޮޕަރޭޝަން ތެރެއިން 14 މީހަކު ހައްޔަރު ކުރިކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މަސްތުވާތަކެތީގެ ސަޕްލައި މަދު ކުރުމަށް ކުރަމުންދިޔަ މަސައްކަތުން މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށް އިހުސާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ބަޗީ - 2025-02-08T10:33:32

    އަލްޙަމްދު ލިއްލާހި. ވޭތުވެ ދިޔަ ސަރުކާރުތަކުން ކުރަމުން ދިޔަ އަޑި ނޭނގޭ ވިޔަވާރި.