ގއ. ވިލިނގިލީގައި އަންހެނަކު، އޭނާ ވިހެއި ދަރިފުޅާއެކު ނިޔާވި މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީގެ އަންހެނުންގެ ރޫހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ސިޓީއެއް ފޮނުއްވައިފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ 6 ފެބުރުވަރީ 2025 ގައި ގއ. ވިލިނގިލި ޒަމާނީވިލާ ފާޠިމަތު ޝިއުނާ އާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައިގައި އޭނާގެ ފިރިމީހާ ނޫސްތަކަށް ދެއްވާފައިވާ މަޢުލޫމާތާއި ޗެނަލް 13 އަށް ދެއްވާފައިވާ އިންޓަވިއު އަށް ބަލާއިރު، މި މައްސަލައިގައި ސަރުކާރުގެ މުއައްސަސާތަކުގެ އިޙުމާލު ވަރަށް ބޮޑުކަން ދޭހަވާ ކަމަށެވެ.
މި ހާދިސާގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު މި ކަމުގައި ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑު ކަމަށް ބެލެވޭ ކަމަށާއި، ބަލިމީހާ ބަލާ ދިޔަ އެއަރ އެމްބިއުލަންސްގައި ފަރުވާ ދިނުމަށް ބޭނުންވާ ޞިއްޙީ އާލާތްތައް ނެތްކަމަށާއި، އެމްބިއުލަންސްގައި ދިޔަ ޑޮކްޓަރުގެ ފަރާތުން އެކަށީގެންވާ އެހީތެރިކަން ލިބިފައި ނުވާކަން ޝިއުނާގެ ފިރިމީހާ ޝިފާޒް ޒާހިރު މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ފާހަގަކުރައްވާފައިވާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
"މާބަނޑު އަންހެނަކަށް މި ދިމާވި ހިތާމަވެރި ހާދިސާއަކީ ޞިއްޙީ ދާއިރާ މިވަރަށް ކުރިއަރާފައިވާ ޒަމާނެއްގައި، ހިނގައިގެން ވާނެ ފަދަ ކަމެއް ނޫން"، ސިޓީގައި ވެއެވެ.
މީގެ އިތުރުން އެ ސިޓިގައި ބުނެފައިވަނީ މި ހާދިސާއަކީ ހޮސްޕިޓަލުގެ މަސައްކަތް ހިންގަން ޖެހޭ ގޮތަށް ފަރުވާތެރިކަމާއެކު ނުހިންގުމާއި، ސީ އެމްބިއުލަންސް އަކުން ލިބެންޖެހޭ ޚިދުމަތްތައް އެގޮތުގައި ލިބެން ނެތުމުން ދިމާވި، އިންތިހާއަށް ހިތާމަވެރި ހާދިސާއެއްކަމުގައި ޝިފާޒް ޒާހިރު ފާހަގަކުރައްވާފައިވާ ކަމަށެވެ.
އެހެންކަމުން، މި މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ދިރާސާކޮށް، މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި، ޒިންމާދާރު ކުރުވުމަށް އެދޭ ކަމަށާއި، މި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބައްލަވައި ދެއްވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ އެދިފައެވެ.
އެ ސިޓީ ނިންމާލަމުން އެމްޑީޕީގެ އަންހެނުން ރޫހުން ބުނެފައިވަނީ ކުރިއަށް އޮތްތާ މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް، މި މައްސަލަ ރަނގަޅަށް ބަލާ، ފިޔަވަޅު އެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
މި ލިޔުން ކިޔާލުމުން