އިނގިރޭސި ލީގް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން އަނެއްކާވެސް އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ފުރަތަމަ ލެގުގައި ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް 1-0 އިން ބަލިވެފައި އޮތް ނަމަވެސް، އެ ނަތީޖާ އަނބުރާލައި ރޭގެ މެޗް ލިވަޕޫލުން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެއެވެ.
ލިވަޕޫލް އިން މޮޅަށް ކުޅުނު މި މެޗްގެ ފުރަތަމަ ގޯލް އެ ޓީމަށް ހޮލެންޑްގެ ފޯވާޑް ކޯޑީ ގަޕްކޯ ޖަހައިދިނީ ފުރަތަމަ ހާފްގެ 34 ވަނަ މިނިޓުގައެވެ. މުހައްމަދު ސަލާހް މި ގޯލް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިން އިރު ، އެ ޓީމުގެ 2 ވަނަ ގޯލް ސަލާހް ކާމިޔާބު ކޮށްދިނީ، ޑާވިން ނުނޭޒް އަށް ޓޮޓެންހަމް ކީޕަރު އެންޓޮނިން ކިންސްކީ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެއްގަ އެވެ.
3 ވަނަ ގޯލް ސޮބޮސްޒްލައި ޖަހައި ދިން އިރު ފަހު ގޯލް ކާމިޔާބު ކޮށްދިނީ ކެޕްޓަން ވެން ޑައިކް އެވެ.
ތައްޓެއް ނުލިބޭތާ 17 އަހަރު ދުވަސް ފަހުން ފައިނަލަށް ނުދެވި ކެޓުމުން، އަނެެއްކާވެސް، ތައްޓަކަށް ޓޮޓެންހަމް ކުރަމުން އަންނަ އިންތިޒާރު ވަނީ އިތުރަށް ދިގުލައިގެން ގޮސްފައެވެ.
''ގޯލެއް ބައިކޮޅަށް ކުރީ މެޗުގައި ވަދެފަ އޮވެމެެ، ކޮންމެހެންވެސް މޮޅުވާން މަޖްބޫރު މި މެޗުގައި، ހުރިހާ ވެސް ހިތްވަރެއް ލިބުނީ ސަޕޯޓަރުންގެ ފަރާތުން، އެއީ ތަފާތަކީ'' މެޗަށް ފަހު ލިވަޕޫލްގެ ގަޕްކޯ ބުންޏެއެވެ.
ލީގު ކަޕްގެ ފައިނަލަށް މިއީ ލިވަޕޫލް ދަތުރުކުރި 15 ވަނަ ފަހަރެއެވެ.ނަމަވެސް، އެ ޓީމުގެ ކޯޗު ކަމާއި މި ސީޒަނުގައި އާން ސްލޮޓް ހަވާލުވުމަށްފަހު މިއީ އެ ޓީމު ގޮވައިގެން ނުކުންނަ ފުރަތަމަ ފައިނަލެއެވެ. ފައިނަލުގައި ލިވަޕޫލް ބައްދަލު ކުރާނީ ސެމީ ފައިނަލް ގައި އާސެނަލް ބަލިކޮށް ފައިނަލަށް ދަތުރު ކުރި ނިއުކާސަލް ޔުނައިޓެޑްއާއި އެވެ.
މި މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ އަންނަ މާޗް މަހުގެ 16 ވަނަ ދުވަހު އެވެ.
މި ލިޔުން ކިޔާލުމުން