ރައްޔިތުންނަށް ހަރާންކޯރުވުމުން ރައްޔިތުން ނުކުމެ ދިން ބާރު އަތުލުމަކީ ބަޣާވާތެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ ކަމަށް ބުނެ އެމްޑީޕީގެ ޗެއަރޕަރސަން، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މީގެ 13 އަހަރު ކުރިން ވެރިން ރައްޔިތުންނަށް ހަރާން ކޯރުވެ،ރައްޔިތުންގެ މުދާ ނުއަގުގައި ވިއްކާ،ދައުލަތް ލޫޓުވައި،ރައްޔިތުން ސަރުކާރު ހިންގުމަށް ދިން ފުރުޞަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި،އެންމެން އެކުގައި ރޭގަނޑު ހަަމައިން ނެއްޓި 1/2 https://t.co/KMvsXPhHj6
— Ibrahim Shujau (@IbrahimShujaau) February 7, 2025
މިގޮތުން ޝުޖާޢު ވިދާޅުވީ، މީގެ 13 އަހަރު ކުރިން ވެރިން ރައްޔިތުންނަށް ހަރާން ކޯރުވެ، ރައްޔިތުންގެ މުދާ ނުއަގުގައި ވިއްކާ، ދައުލަތް ލޫޓުވައި، ރައްޔިތުން ސަރުކާރު ހިންގުމަށް ދިން ފުރުޞަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެންމެން އެކުގައި ރޭގަނޑު ހަަމައިން ނެއްޓި ބޮއި މަޖާކުރުމުގައި ވެރިކަމުގެ ދުވަސްތައް ހޭދަކުރަން ހެދީމާ ރައްޔިތުން ނުކުމެ ދިންބާރު އަތުލުމަކީ ބަޣާވާތެއް ނޫން ކަމަށެވެ.
"ހޭވެރިކަން ވީމާ ނުކުމެ ދައުލަތުގެ މުދަލުގައި ހުޅުޖަހައި ދައުލަތެއްގެ ސިފަ ގެއްލުވާލައި، ޖަންގަލީގެ އުޞޫލު މިޤައުމުގައި އާންމުކުރަން އަޅުގަނޑުމެން ފުރުޞަތެއް ނުދޭނަން"، ޝުޖާޢު ވިދާޅުވިއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ 13 އަހަރު ފުރުމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޟް ވިދާޅުވީ، މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ ކަމަށެވެ.
މީގެ އިތުރުން ފައްޔާޟް ވިދާޅުވީ އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއް ކަމަށާއި، އެ ބަޣާވާތުގެ މައްޗަށް ރައްޔިތުންގެ ބާރުވެރިކަން ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު ކުރި ހިތްވަރުގަދަ މަސައްކަތްތަކަކުން ކަމަށެވެ.
"ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އަޅުގަނޑުމެން ދެމިތިބޭނަން"، ފައްޔާޟް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ 7 ފެބުރުވަރީ 2012 ގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާތައްކޮށް، ބައެއް ފުލުހުންނާއި ސިފައިންވެސް ސަރުކާރާ ދެކޮޅަށް ނުކުމެ ހިންގި ހަމަނުޖެހުންތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ. އެއިރު އެމްޑީޕީގެ ލީޑަރަކަށް ހުންނަވައިގެން އިންޤިލާބީ އިންތިޚާބަކަށްފަހު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ސަރުކާރަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރެވެ. އެއިރުގެ ސަރުކާރު ބަދަލުވީ "ބަޣާވާތަކުން" ކަމަށް ރައީސް ނަޝީދާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރެއެވެ.
ނަމަވެސް، އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެސް ވާ ގޮތުން ރައީސް ނަޝީދު އިސްތިއުފާދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށެވެ.
މި ލިޔުން ކިޔާލުމުން
2 ކޮމެންޓު
އިބިލީސްބުންޗަސް ތެދެއްވާނީ ތެދަކަށް
މި ލިޔުން ކިޔާލުމުން
އެހެން ވީމަ ފުރަތަމަކަމަކަށް މިވެރިކަން ވަށްޓާލަން ޖެހޭދޯ
އެގޮތުން އިބިލީސް ކަމަށް ޢިޢުތިރާފ ވީތިޔަ
މި ލިޔުން ކިޔާލުމުން