ކަންކަން ރަނގަޅުކުރުމަށް ކުރު މުއްދަތެއްގައި މަސައްކަތް ކުރި ސަރުކާރެއް މި ނޫނިއްޔާ ދެކެވަޑައިގަންނަވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރޭ ބޭއްވި ރިޔާސީ ބަޔާން 2025 ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ވަޒީރު ވިދާޅުވީ މި ސަރުކާރަށް 125 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވިއިރު، އޭގެ %60 އަކީ ސަރުކާރުން އުފެއްދި ދަރަނި ކަމަށާއި، އޭގެ ބޮޑު ބަޔަކީ އާމްދަނީ ނުލިބޭނެ ގޮތަށް ހުރި ދަރަނި ކަމަށެވެ. މީގެ އިތުރުން، 8000 މިލިއަން ރުފިޔާގެ ޗާޕު ނެރެފައިވާ ކަމަށާއި، އެއީ ރުފިޔާގެ އަގު ވައްޓާލަން ކުރި ކަމެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރޭގެ ފޯރަމްގައި ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ޤައުމު އޮތް ހާލަތު ރަނގަޅުކުރައްވައި، ބަނގުރޫޓު ވިޔަނުދީ ސަލާމަތް ކުރެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ.
ރޭ ކުރިއަށްގެންދިޔަ ރިޔާސީ ބަޔާން 2025 ފޯރަމްގައި ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރާއި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް އިއްޔެ ބޭއްވެވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިޞާދުގެ ހަކަތަ ކަމަށާއި، މި ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރު ތެރޭގައި، 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ފައިސާ ދޫކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރިއަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު، 2025، މި އަހަރު މޭ މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މައުރަޒުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ޞިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި، އާ އުފެއްދުންތައް އުފައްދައި، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމަށާއި، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތަނަކުން މިފަދަ އުފެއްދުންތައް ފެންނާނޭ ފަދަ މާހައުލެއް ޤާއިމުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުންވެސް ރައީސް ވަނީ ރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދަށް ފާއިތުވި އަހަރު ލިބުނު ކާމިޔާބީތަކާއި، މި އަހަރުގެ ތެރޭގައި ކުރިއަށްގެންދަވަން ނިންމަވާފައި ހުރި ކަންތައްތައްވެސް އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން