Saturday, October 31
މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން: ވަޒީރު ޝިޔާމް

މަސްވެރި ސިނާއަތަކީ ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ފެންނާނެ ގޮތް ހެދުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިގޮތުން ރޭ ޕީއެސްއެމް އިން ގެނެސްދިން "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި 40 އަކަށް އަހަރު ރާއްޖޭގެ މަސްވެރި ސިނާއަތަށް އޮތީ އަޅައިލާން ޖެހޭ ވަރަށް އަޅާނުލެވި ކަމަށާއި އެ ސިނާއަތުގެ ތަރައްޤީއަށް މާ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައި ނުވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވި ރިޔާސީ ބަޔާނަކީ މަސްވެރި ސިނާއަތަށް އުންމީދީ ބަޔާނެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ފާއިތުވި އަހަރެއްހާ ދުވަހު މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ކޮށްފައި ހުރި ކަންކަމާއި ކުރިއަށް ކުރަން ހުރި ކަންކަމަށް ބަލާއިރު މަސްވެރި ޢާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވިއިރު، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި މަސްވެރިކަމަކީ ދިވެހީންގެ އައިޑެންޓިޓީއާއި ދިވެހީންގެ ދެމި ތިބުމާ ގުޅިފައިވާ ޤުދުރަތީ އެންމެ މުހިންމު އެއް ހަދިޔާކަމަށެވެ. އެގޮތުން ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އެމަނިކުފާނު އެންމެ މުހިންމު އެއް ސިޔާސަތުކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުޞަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ޤައުމީ މިފަދަ ކޮންމެ ދާއިރާއެއްގެވެސް ޚިދުމަތްތެރީން ދައުލަތުން ޝަރަފާއެކު ބަލައިގަނެ، މި ފަދަ އެތައް ފުރުޞަތެއް ފަހިކޮށްދޭން. މިއީ އެއް ޤައުމެއް. އެއް އާއިލާއެއް" ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް  ގެނެވޭ ޒަމާނީ ކުރިއެރުމާއި ނިޒާމީ ހަރުދަނާކަމުގެތެރޭން ރައީސް ވަޢުދުވެފައިވާ ގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރެއް އުފައްދާ، އެ ދަފުތަރުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 އިންސައްތަ ވަނީ ރަޖިސްޓަރީވެފާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތައް  ހައްލުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަން ވެސް އެމަނިކުފާނުގެ މިއަދުގެ ރިއާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު