މިދިޔަ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކަށް 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ފައިސާ ދޫކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުން މަޖިލީސް ހުޅުވައި ދެއްވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިސޯދުގެ ހަކަތަ ގެންނަން މި ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި މިދިޔަ އަހަރު ތެރޭގައި 374 ވިޔަފާރިއަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ފައިސާ ވަނީ ދޫކޮށްފަ އެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މި އަހަރުގެ މޭމަހު ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މައުރަޒުގެ ސަބަބުން ދިވެހި ރާއްޖޭގެ އިގްތިސާދާއި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދެވޭނެ ކަމަށެވެ.
" ވަޅު ޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އާންމުކޮށް އެންމެންނަށް އެއްތަނަކުން މިފަދަ އުފެއްދުންތައް ފެންނާނޭފަދަ މާހައުލެއް ގާއިމުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ލުއި ތަކެއް ފޯރުކޮށްދެވިފައިވާކަން އެމަނުކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް މަގުފަހިކުރުމުގެ ގޮތުން ލޯނުތަކުގެ އިންޓަރެސްޓް މުޅިން މަޢާފުކޮށް، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 8 އަހަރުން 10 އަހަރަށް ވަނީ އިތުރު ކޮށްދެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.
މި ނިންމުމުގެ ސަބަބުން، 2133 ފަރާތަކަށް 55 މިލިއަން ރުފިޔާގެ އިންޓަރެސްޓް މަޢާފުކުރެވި، އަދި މިހާތަނަށް ލޯނު ދައްކާ ނުނިމޭ 1811 ފަރާތަކަށް ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދެވުނު ކަމަށާއި ، 2024 ވަނަ އަހަރުގެ ނޮވެމްބަރ 17 ގެ ނިޔަލަށް، ލޯނު އެއްކޮށް ދައްކާ ނިންމާފައިވާ 322 ފަރާތުގެ ތެރެއިން 316 ފަރާތަކަށް، އެ ފަރާތްތަކުން ކުރިން ދައްކާފައިވާ އިންޓަރެސްޓަށްވާ ފައިސާގެ ގޮތުގައި، 3.36 މިލިއަން ރުފިޔާ ވަނީ އެފަރާތްތަކަށް އަނބުރާ ރައްދުކުރެވިފައި ވާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން