Tuesday, November 3
4000 ފްލެޓް ލިސްޓް މިމަހު އިއުލާން ކުރެވޭނެ: ރައީސް

ފެބްރުއަރީ މަސް ނިމުމުގެ ކުރިން 4000 ހައުސިންގ ފްލެޓް ލިބޭ ފަރާތުގެ ލިސްޓު އިޢުލާނު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީބާޔާނުގައި އެމަނިކުފާނު ވިދާޅުވީ ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ 4000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ޞައްޙަކަން ބެލުން އޮތީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

ނަމަވެސް   ލިސްޓުގެ ޞައްޙަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ ކަމަށް މިއަދުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވިއެވެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި  ފަރާތްތަކާ ޙަވާލުކޮށް ނިންމާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގެ ތަކުގެ ތެރެއިން ގުޅީފަޅާ، ގިރާވަރުފަޅާ، ހުޅުމާލެ ފަޅުތެރެއިން ހިއްކާބިމުން ގޯތިލިބިފައިވާ ފަރާތްތަކަށް އެގޯތީގެ ރެޖިސްޓްރީ ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން  އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީހައި ގުޅީފަޅުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށް މަސައްކަތްތައް ކުރެވެމުންދާކަންވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެކަމަށާއި ހަމަ އެއާއެކު އުތުރުތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ޢަމަލީ މަސައްކަތް މިއަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ އަދި އިދާރީ މަސައްކަތް މިހާރު ކުރެވެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްގެ ލިބޭމީހުންގެ ލިސްޓް ކުރިން ވަނީ އާއްމުކޮށްފައެވެ. ނަމަވެސް އާއްމުންގެ ޝަކުވާބޮޑުވެ އޭސީސީން ވަނީ އެމައްސަލަ ބަލާ ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ނިންމާފައެވެ. އެހެން ކަމުން ލިސްޓް ރިވިއު ކުރުމަށް ފަހު އަލުން އަދި އާއްމު ނުކުރާތީ ގިނަ ބަޔޔަކު ދަނީ ފްލެޓް ލިސްޓް އާއްމުކުރާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު