Saturday, October 31
ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބަދަލުކުރުމަށް ޓްރަމްޕް ހުށަހެޅި ހުށަހެޅުން އަދާލަތު ޕާޓީން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ޣައްޒާއިން ބަދަލުކުރުމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ހުށަހެޅުއްވި ހުށަހެޅުން އަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ އާބާދީއެއްގެ ގިނަ ބައެއްގެ ގެދޮރު ގެއްލި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސީދާ ޚިލާފު އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމުގައި ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމައަކީ އެ ނަސްލު ނައްތާލުމަށްޓަކައި ހިންގާ ޤަތުލުއާންމެއް ކަމުގައި އެ ޕާޓީން ވަނީ ތަކުރާރުކޮށްފައެވެ.

އަދި، މި ހަނގުރާމައަކީ ގާތްގަނޑަކަށް ޤަރުނެއް ވެފައިވާ ނިޒާމުގެ ފަހަތުގައި، ފަލަސްޠީނުގެ ރައްޔިތުންނަށް ނިޒާމީ އަނިޔާވެރިކަމާއި، ނަސްލީ ސާފުކުރުމާއި، އަސާސީ ޙައްޤުތަކުން މަޙުރޫމްކޮށްގެން ކުރާ ހަނގުރާމައެއް ކަމަށާއި، މި އަނިޔާވެރި ޢަމަލުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ނުފެންނަ ކަމެއް ކަމުގައި ހަދާފައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދާލަތު ޕާޓީން ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް، އެ ރައްޔިތުންނަށް ބިމުގައި ތިބުމަށް ލިބިދޭންޖެހޭ ޙައްޤުތައް ދަމަހައްޓައި ތަންފީޒުކުރުމަށް ގޮވާލައި، ވެސްޓް ބޭންކާއި ޣައްޒާގައިވާ ފަލަސްޠީނުގެ ބިންތަކަށް ޤާނޫނާއި ގަވާއިދާ ޚިލާފަށް އަރައިގަތުން ކުރިއަށްގެންދިއުމުގެ ފުރުޞަތު އިޒްރޭލަށް ދީގެން ނުވާނެ ކަމަށް ބުނެފައެވެ. އަދި، އިޒްރޭލުން ކުރަމުންދާ ކަންކަން ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ކަށަވަރުކޮށްދިނުމަކީ ދުނިޔޭގެ މައްޗަށް އޮތް ވާޖިބެއް ކަމުގައިވެސް އަދާލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ގަދަކަމުން ބޭލުމަށް ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަދާލަތުން ވަނީ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުއްމަތަށް ގޮވާލައިފައެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްްުތައް ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް އެ ބިން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް، އުއްމަތެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ކަމެއް ކަމުގައިވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ފަލަސްޠީނުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނާއެކު އެއްބައިވަންތަކަމާއެކު ސާބިތުވެތިބެ، އެމީހުން އިންސާފާއި މިނިވަންކަމަށް ކުރާ މަސައްކަތަށް ތާއީދުކުރުމަކީ ދީނީ އަދި އިންސާނީ ވާޖިބެއް ކަމުގައިވެސް އަދާލަތުން ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާން ނިންމާލަމުން އަދާލަތުން ބުނީ މި ޖަރީމާތައް ހުއްޓުވައި، އިޒްރޭލު ޖަވަބުދާރީ ކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤު ބިމުގައި ކަރާމާތާއި މިނިވަންކަމާއި އިސްތިޢުލާލާއެކު އުޅެވޭނެކަން ކަށަވަރު ކުރުމަށް ބައިނަލްއަޤްވާލީ މުޖުތަމަޢުއިން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު