Saturday, October 31
ތިލަމާލެ ބުރިޖުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން އިންޑިއާގެ އައު ސަފީރާ މަޝްވަރާކުރައްވައިފި
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިގޮތުން މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތައް، ޚާއްޞަކޮށް މާލެ-ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން، ރާއްޖޭގައި ބިނާރީ ތަރައްޤީއަށް ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެއްވުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ. މާލެ-ތިލަމާލެ ބުރިޖު މަޝްރޫޢުގެ %46 އަށްވުރެ ބޮޑު ބައި ނިމިފައިވާ ކަމުގައި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ މިދިޔަ ނޮވެންބަރު މަހު ހާމަކޮށްފައެވެ. މިގޮތުން 15 އޮކްޓޫބަރު 2024ގެ ނިޔަލަށް، ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅިފައިވާ މި ބިޔަ މަޝްރޫޢުގެ ޖުމުލަ %46.58 މަސައްކަތް ނިމިފައިވާ ކަމަށާއި، މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް އެ މަޝްރޫޢުގެ ނިމުނު %28.7 އާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ޓައިމްލައިންގައިވާ ގޮތުން ބުރިޖުގެ މާލެއިން ގުޅީފަޅަށް އަޅާ ބައި 31 މާރިޗު 2026 ގެ ނިޔަލަށް ނިމޭނެއެވެ. އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބައި 30 ސެޕްޓެންބަރު 2026 ގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާއިރު، މުޅި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 30 ސެޕްޓެންބަރު 2026 ގެ ނިޔަލަށެވެ. 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރާ މި މަޝްރޫޢު މި އަހަރުގެ ނިޔަލަށް ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު ނިންމުމަކި ސަރުކާރުގެ އަމާޒެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު