Saturday, October 31
ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫޢަށް ސަރުކާރުން ޓެކްސް ދެއްކުން ފަސްކުރަން އަމުރުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް އެޅުމަށްޓަކައި ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ދިވެހި ދައުލަތާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅިގެން ދައުލަތުން ޖީއެސްޓީ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ތަންފީޒުކުރުން ފަސްކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 01 މާރިޗު 2016 ގައި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް އެޅުމަށް ދިވެހި ދައުލަތާއި ޗަންގް ހުއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ސޮއިކުރި އެއްބަސްވުމުގައި ކޮންޓްރެކްޓް އަގު ކަމަށް ހިމަނާފައިވާ 140 މިލިއަން އެމެރިކާ ޑޮލަރަކީ ޖީއެސްޓީ ހިމެނިފައި ނުވާ ގޮތަށް ބަޔާންކޮށްފައިވާ މަޝްރޫޢުގެ އަގު ކަމަށް ބުނެ އެ ކުންފުނިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކުރީ އެ ކުންފުންޏާ އެއްކޮޅަށެވެ.

އެގޮތުން މި މަޝްރޫޢާ ގުޅިގެން އެ ކުންފުނިން މީރާއަށް ދައްކަންޖެހޭ ޖީއެސްޓީ އަކީ ދައުލަތުން ޒިންމާވާން ޖެހޭ ފައިސާ ކަމަށާއި، އެ ކުންފުނިން މީރާއަށް ޖީއެސްޓީގެ ގޮތުގައި އެހާތަނަށް ދެއްކި 227،560ރ. އަކީ ދައުލަތުން އަނބުރާ އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައެވެ.

އެގޮތުން ހައި ކޯޓުން އިއްޔެ ނެރުނު ޙުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުން މިހިނދަށް މަޑުޖައްސާނުލައިފިނަމަ، އިންސާފަށް ހުރަސް އެޅިދާފަދަ ޙަލަތްތަކެއް މެދުވެރިވުމީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭތީ، އެންމެ އަދުލުވެރި އަދި ރައްކާތެރި ގޮތަކީ މައްސަލައިގެ ޙުކުމް ތަންފީޒުކުރުން މިވަގުތަށް ފަސްކުރުން ކަމުގައި ދެކޭތީ، އެހެން ގޮތަކަށް އަންގަން ދެން ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު