Saturday, October 31
ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބުރޫނާއީ އާއި އެކު މަޝްވަރާކޮށްފި
ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބުރޫނާއީ އާއި އެކު މަޝްވަރާކޮށްފި އެވެ. މި މަޝްވަރާކޮށްފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ސްވިޒްލޭންޑުގެ ޖެނީވާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ބައްދަލުވުމުގެ ހަވާސާގައި ބްރޫނާއީގެ މިނިސްޓަރު އޮފް ހެލްތު ޑރ.ހާޖީ މުހައްމަދު އިޝާމް އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޞިއްޙީ ދާއިރާގައި އެއްބާރުލުން ދެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިނިސްޓަރ އިއްޔެ ވަނީ  ދެކުނު ކޮރެއާގެ ހެލްތު އެންޑް ވެލްފެއާ މިނިސްޓްރީގެ ވައިސް މިނިސްޓަރ ޕާކް މިންސޫއާ ވެސް ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ދެކުނު ކޮރެއާއިން ތަމްރީނު ދިނުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ޑިޖިޓައިޒްކުރުމަށްޓަކައި،  ޑިޖިޓަލް ޙައްލުތައް ތަންފީޒުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވަނީ އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުގައި އަދި ވައިސް ޗެއާގެ ހައިސިއްޔަތުން ޔުނިވާސަލް ހެލްތު ކަވަރޭޖާ ބެހޭ ސެޝަން ގެ ރިޔާސަތު ވެސް ބަލަހައްޓަވާފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 156 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ނާޒިމު ކުރައްވަމުންދާ ދަތުރުފުޅުގައި އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު