އާދިއްތަ, November 1
ހިމާޔަތްކޮށްފައިވާ ށ.ފަރުކޮޅުން ވެލިނަގާ މައްސަލަ އީޕީއޭ އިން ބަލަނީ

ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅުން ގަވާއިދާ ޚިލާފަށް ވެލިނަގާ މައްސަލަ އީޕީއޭ އިން ބަލަން ފަށައިފިއެވެ.

ށ. އަތޮޅު ކައުންސިލުން ބުނީ ފަރުކޮޅުގެ ގޮނޑުދޮށުންނާއި ތުނޑިން އަދި ފަޅުތެރެ ކޮނެގެންނާއި ޕަންޕް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ގަވާއިދާ ޚިލާފަށް ވެލި ނަގަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހްން ކަމުން މި މައްސަލަ އެ އިދާރާ އާއި އީޕީއޭ ގުޅިގެން މިހާރު ބަލަމުން އަންނަ ކަމަށްވެސް  ކައުންސިލުން ބުންޏެވެ.

އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލިނެގުމަށް އަތޮޅުގެ ކޮންމެ ދާއިރާއަކަށްވެސް ވަކި ސަރަހައްދުތަކެއް އީ.ޕީ.އޭއިން ވަނީ ކަނޑައަޅުއްވާފައިވާކަން ހަނދާންކޮށްދީ މިފަދަ މިސަރަޙައްދު ތަކުންވެސް މެޝިނަރީގެ ބޭނުންކޮށްގެން ވެލިނެގުން ހުއްދަ ކުރެވިފައެއް ނުވާކަން ކައުންސިލުން އާއްމުންނަށް ހަނދާންކޮށްދީފައެވެ.

ށ.ފަރުކޮޅު ސަރަޙައްދަކީ އެސަރަހައްދުގެ ޤުދުރަތީ ރީތިކަމާއި ފުރިހަމަކަމުގެ އިތުރުން އެތައް ސަބަބުތަކަށްޓަކައި ހިމާޔަތްކުރެވިފައިވާ ސަރަޙައްދެއް ކަން ހަނދާންކޮށްދީ އެފަދަ ސަރަހައްދުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަންއޮތް ޖީލުތަކަށް އެތަންތަން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ހުރިހައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ކަމާއިބެހޭ މުވައްސަސާތަކަށް ބޭނުންވާކަންވެސް ކައުންސިލުން ވަނީ އަންގާފައެވެ.

އެސަރަޙައްދުން ގަވާއިދާ ޚިލާފަށް ވެލި ނަގަމުން އަންނަ ފަރާތްތަކުގެ މައުލޫމާތު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު