Monday, November 2
ކޮންމެ ދެ ދުވަހުން ކެންސަރުގެ އައު ކޭސް އެއް!
ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ ''United by unique'' އެވެ.  މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މިބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.
ކެންސަރުގެ އަދަދު ނޭނގޭ
ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު އިތުރުވާކަން އެނގޭނެ ތަފާސް ހިސާބުތަކެއް އަދި އެއްކުރެވިފައެއް ނުވެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިހާރު ވަނީ މާލޭ ސަރަޙައްދުގައި ކެންސަރަށް ފަރުވާ ހޯދާމީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.އަހަރުން އަހަރަށް ކެންސަރު ބަލި ރާއްޖޭގައި އިތުރުވަމުން އަންނަކަމުގެ އެއްވެސް ތަފާސް ހިސާބުތަކެއް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. ކެންސަރ ރަޖިސްޓްރީގައި މިހާތަނަށް މާލޭ ސަރަހައްދުގައި 1600 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. އެޗްޕީއޭ އިން ބުނީ ކެންސަރ ރަޖިސްޓްރީގައި ހިމެނެނީ 2019 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުން ކެންސަރަށް ފަރުވާހޯދަމުންދާ ފަރާތްތަށް ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެ ހޮސްޕިޓަލުގައި މިދިޔަ ޖެނުއަރީ މަހު އެކަނި އަލަށް ކެންސަރ ޖެހިގެން 18 މީހުން ވަނީ ރަޖިސްޓަރ ކޮށްފައެވެ. އެ ހޮސްޕިޓަލުން ބުނީ މަހަކު އެވްރެޖްކޮށް 10-15 މީހުން އަލަށް ރަޖިސްްޓްރީކުރާ ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ރަޖިސްޓްގައި އެންމެ ގިނައީ މާލޭ ސަރަހައްދުގެ މީހުންނެވެ. އޭގެ އިތުރުން އައްޑޫ ސިޓީ، ށ، އަދި ހއ އަތޮޅުން މީހުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމޢިއްޔާއިން ހާމަކުރާ ގޮތުގައި ކެންސަރުގެ ހުރިހާ ކޭސްތަކުގެ %30–50 އާއި ދެމެދުގެ އަދަދަކީ ރައްކާތެރިވެވޭ ކޭސްތަކެކެވެ. ކެންސަރު ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ ޚަރަދު ކުޑަ ދިގުމުއްދަތުގެ ސްޓްރެޓެޖީއަކީ އެކަމަށް ދުރާލާ ރައްކާތެރިވުން ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން މަޢުލޫމާތުދެއެވެ. ދިވެހިރާއްޖޭގައި ރާއްޖޭގައި ކެންސަރުގެ އެންމެ އާއްމު ވައްތަރުތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ރަޙިމުގެ ދޮރަށްޖެހޭ ކެންސަރާއި، ތައިރޮއިޑް ކެންސަރާއި އޮވަރީގެ ކެންސަރު ހިމެނެއެވެ. އަދި ކުޑަކުދިންގެ މެދުގައި ލޭގެ ކެންސަރު ފެންނަ މިންވަރުދަނީ އިތުރުވަމުންނެވެ.
ހޭލުންތެރިކަން އިތުރު
ކެންސަރު ބައްޔައް ހޭލުންތެރިކުރުމަށް ބޭންކއ ޮފް މޯލްޑިވްސް އިން ކުރިއަށް ދިޔަ ދުވުމެއް - ފޮޓޯ: ބީއެމްއެލް
މީގެ ކުރިން ކެންސަރު ބަލިޖެހިގެން އެންގެނީ އެކަމަށް ބަލީގެ އެންމެ ފަހުގެ މަރުހަލާގައި ފަރުވާ ކުރުން ލަސްވެފައި ވަނިކޮށެވެ. އެހެން ނަމަވެސް ރާއްޖޭގައި މިހާރު މިކަމަށް ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ސްކްރީނިންގ ތަކުގެ ސަބަބުން މީހުންނަށް މައުލޫމާތު މީހުންނަށް އެންގެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާރޓްމަންޓްގެ ވޯދް މެނޭޖަރ ފާތިމަތު އިހްސާނާ ވިދާޅުވީ ކެންސަރަށް ހޭލުންތެރިކުރުމަށް ހިންގާ ކެމްޕެއިންގެ ނަތީޖާއެެއްގެ ގޮތުން މިހާރު ކެންސަރު ބަލީގެ އާރލީ ސްޓޭޖްގައި ފަރުވާ ހޯދާމީހުން ގިނަކަމަށެވެ. އެއީ މީހުން މިކަމަށް ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި 30 ޕަސެންޓްގެ ކެންސަރ އަކީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން މެދުވެރިވާ ކެންސަރުތަކެވެ. އޭގެ ތެރޭގައި ބައެއް ނުރަނގަޅު އާދަތައް ކަމަށްވާ ދުންފަތުގެ އިސްތިއުމާލު ކުރުން ، ދުފުން ހިމެނޭ ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ. މީގެ އިތުރުން މީހާގެ ބަރުދަން ހުންނަންވާ މިންވަރަށް ވުރެ އިތުރުވުމާއި، ތާޒާ ކާނާ މަދުން ކެއުމާއި، ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ ބޭނުންކުރުން އިތުރުވުމަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ. މިއަދު ފާހަގަކުރާ ކެންސަރު ދުވަހާއި ގުޅިގެން، ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް ވަނީ ކުރެއްވި ޕޯށްޓެއްގައި ވިދާޅުވީ ކެންސަރު ބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ސްކްރީނިންގ ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. ކެންސަރު ބަލި ޖެހުމުގެ ހިރާސްތަކާއި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅި
  • ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
  • ކެއިންބުއިމުގެ ނުރަނގަޅު އާދަތައް
  • ދުފުން
  • އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން
  • ބަރުދަން ހުންނަންވާ ވަރަށްވުރެ އިތުރުވުން
  • ބަނގުރާ ބުއިން
  • އަލްޓްރާވައިލެޓް ރޭޑިއޭޝަނަށް ހުށަހެޅުން
ކެންސަރު ބަލީގެ ނުރައްކާ ކުޑަކުރުމަށް
  • ހެޕަޓައިޓިސް ބީއާއި ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ޖެހުން
  • . ދުންފަތުގެ އިސްތިޢުމާލު ނުކުރުމާއި ދުންފަތުގެ ދުމުން ރައްކާތެރިވުން
  • . ދުފުމާއި ދުރުހެލިވުން
  • އަލްޓްރާވައިލެޓް ރޭޑިއޭޝަން ރައްކާތެރިވުން
  • ދަރިފުޅަށް ގާތުން ކިރުދިނުން
  • ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
  • ކެއުމުގައި މޭވާއާއި ތަރުކާރީ ވީހާވެސް ގިނައިން ބޭނުން ކުރުން
  • ޤަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
  • ޤަވާއިދުން ކެންސަރު ބައްޔަށް ސްކްރީން ކުރުން
 ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެގިނައިން މީހުން މަރުވާ ސަބަބެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން  މި ބަލީގައި މަރުވެއެވެ. މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރުބަލި ޖެހި މަރުވާ މީހުންނެވެ. ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ހިރާސްތަކުގެ ސަބަބުންނެވެ. އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމާއި ކެންސަރު ބަލި ދުރާލާ ދެނެގަތުމަށް ސްކްރީން ކުރުމަކީ ބަލި ޖެހުމުގެ ފުރުސަތު ހަނިކޮށް އަދި ބަލި ޖެހިފައިވާނަމަ ބައްޔަށް އަވަހަށް ފަރުވާ ހޯދާ ބަލި ރަގަޅުވުމުގެ ފުރުސަތު އިތުރުވެގެންދާނޭ ކަމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު