Saturday, October 31
ރާއްޖެއާއި ޖަޕާނާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ އާ މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޑިސާސްޓަރ މެނޭޖްމަންޓް އަދި އިޔާދަކުރުވަނިވި ހަކަތައިގެ ފުރުޞަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ދެބޭފުޅުންވެސް ވަނީ ދެޤައުމުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެމުންދާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިއީ ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުގެ ރަސްމިއްޔާތަށްފަހު މިއަދު ބޭއްވެވި ބައްދަލުވުމެކެވެ. މިގޮތުން މިއަދުގެ މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1967 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު