Saturday, October 31
މައްސަލައަކީ ޝަރީޢަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުން ކަމަށް ބަންދު ފޯރަމްގެ ބައިވެރިން އިއްތިފާޤުވޭ

ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމާއި، މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުން ކަމަށް "ބަންދު ފޯރަމް" ގައި ބައިވެރިވި އިދާރާތަކުން އިއްތިފާޤުވާ ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ވަނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި ޚާއްޞަ ފޯރަމެއް މިދިޔަ ހޮނިހިރު ދުވަހު ބާއްވައިފައެވެ.

ޕީޖީ އޮފީހުން ބުނީ ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ކުރިއަށްގެންދިއުން އަވަސްކުރުމަށް ކޯޓުތަކަށް ފަހިކޮށްދީ އެހީތެރިވުމަށްޓަކައި، އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ފޯރަމްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އެގޮތުން ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ޤާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރުކުރުމާއި، ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިންގ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

ބަންދު ފޯރަމްގެ ފުރަތަމަ ބައި ކުރިއަށްގެންދިޔައީ ޖުޑީޝިއަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެގައެވެ.

ޕީޖީ އޮފީހުން ހާމަކުރާ ގޮތުގައި މި ފޯރަމުގެ ދެން އޮންނާނީ ޖުޑީޝަރީއާއެކު ކުރިއަށްގެންދާ ބައެވެ.

އެގޮތުން ފޯރަމްގެ ފުރަތަމަ ބައިން ހޯދުނު ހޯދުންތަކާއި، ޙައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު، ޖުޑީޝަރީގެ ބައިވެރިވުމާއެކު އެކަންކަން ތަންފީޛްކުރުމަށް ސަރުކާރަށާއި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށާއި، އެކަންކަން ތަންފީޒުކުރެވެމުންދާ މިންވަރާމެދު ފާރަވެރިވަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަންއިއްބެ - 2025-02-03T21:11:46

    ކުރަންވިކަމަކީ ކޯޓުތައްއިތުރުކޮށް ޤާޒީންއިތުރުކޮށް މުވޢްޒިފުންއިތުރުކޮށް މައްސަލަތައްކޯޓަށްވައްދާގޮތަށްއަވަހަށްނިންމުން